ޚަބަރު

ކޯޓު އަމުރަކާއި ނުލާ މީހުން ހައްޔަރުކުރެވޭ ގޮތަށް ޓެރަރިޒަމް ގާނޫނު ކޮމެޓީން ފާސްކޮށްފި

ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލާގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އެއަށްފަހު ސިއްރު ބައްދަލުވުންތަކެއް ބާއްވައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް ކޮމިޓީން ފާސްކުރީ އިއްޔެއެވެ.

ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތައް ދިނުމަށް ހިމަނާފައިވާ މި ބިލުގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމަށް ހިމަނާފައިވާ ބައި ސަރުކާރުން ހުށަހެޅި ގޮތަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އެ ބިލުގައި ބަންދުގައި މީހުން ބޭއްތިއްމުމުގެ މުއްދަތު އިތުރު ކުރުމާއި ހަނު ހުރުމުގެ މިނިވަންކަމާއި ވަކީލުން ބޭނުން ކުރުުމުގެ ހައްގަށް ވެސް އިސްލާހުތަކެއް ގެނެސްފައިވެއެވެ.

އެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި

- ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުވުން

- އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން

- އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން

- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

- ކުށް ކުރާ މީހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުން

- މުދަލަށް ބޮޑެތި ގެއްލުން ދިނުން

- ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން

އޭގެ އިތުރުން މި ބިލުގައި، ޓެރަޒިމްގެ ކުށް ކަމުގައި، ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ޓެރަރިޒަމްގެ ކުށެކެވެ. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުމާއި، އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުންވެސް އެއީ ކުށެކެވެ.

އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން، ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުމާއި ޓެރަރިސްޓް ޖަމާއާތަކަށް ތާއީދު ކުރުމާއި ތާއީދުކުރުމަށް ގޮވާލުން ވެސް އެއީ ކުށެކެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުންމާއި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުމުގެ އިތުރުން އެފަދަ ހަރަކާތެއް ރާވަައި ހިންގުމަކީ ވެސް ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމާއި، އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުމަކީވެސް ކުށެކެވެ.

މި ކުށްކުށުުގެ އަދަބުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ، ހަނގުރާމައަށް ދިއުމުގެ ކުށެއް ކޮށްފިނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެކަން ކުރަން އުޅެފިނަމަ ނުވަތަ ބައިވެރިވެއްޖެނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެއެވެ.

ބިލްގައި ވާގޮތުން ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމުގެ ކުށްތައް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ މިއިސްލާހުތަކުގެ ސަބަބުން ކަފާލާތުގެ ދަށުންވެސް ދޫކޮށް ނުލެވޭނެކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

މިހާރު އޮންނަ ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހެއެވެ. ނަމަވެސް އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެ އިސްލާހުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ވެސް ފުލުހުންނަށް ލިބެއެވެ.

އެ ބިލުގައިވާ ގޮތުން ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހުތިޔާރު ވެސް ފުލުހުންނަށް ލިބެއެވެ.