ރައީސް ޔާމީން

މާދަމާ ދެވޭ ވޯޓަކީ ފައިސާއަށް ދެވޭ ވޯޓަކަށް ވެގެން ނުވާނެ: ރައީސް

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ދެވޭ ވޯޓަކީ ހިތުގެ ތެރެއިން ދެވޭ ވޯޓަކަށް ވާން ޖެހޭ ކަމަށާއި ފައިސާއަށް ދެވޭ ވޯޓަކަށް ވާން ނޭދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ނިންމާލުމަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޯޓު ވިއްކާނުލުމަށް އެހެން މީހުންނަށް ވިސްނައިދިނުމަށް އެދޭ ކަމަށާއި ވޯޓު ވިއްކާލައިގެން ލިބޭ ފައިސާއަކީ ހަރާމް ފައިސާ ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް މާދަމާގެ ވޯޓަކީ ހިތުގެ ތެރެއިން ދެވޭ ވޯޓަކަށް ހައްދަވަންޖެހޭ. ފައިސާއަށް ދެވޭ ވޯޓަކަށް ވެގެން ނުވާނެ. ވޯޓު ވިއްކާނުލުމަށް އެހެން ބޭފުޅުންނަށް ވެސް ވިސްނައިދީ. އެ ލާރިއަކީ ﷲގެ މަގުގައި ދެވޭ ހަދިޔާއެއް ނޫން. އެއީ ހަރާމް ލާރި. އެ ލާރީގައި ނުހިފާތި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ވޯޓު ވިއްކައިގެން ލިބޭ ލާރިއަކީ ހަރާމް ލާރި. ހުރިހާ ބޭފުޅުން ވެސް މާދަމާގެ ވޯޓަކީ ހިތުގެ ތެރެއިން ދެވޭ ވޯޓަކަށް ހައްދަވަންޖެހޭ. ފައިސާއަށް ދެވޭ ވޯޓަކަށް ވެގެން ނުވާނެ. އެ ލާރީގައި ނުހިފާތި،
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ރައީސް ވިދާޅުވީ ދިވެހި ދަރިންނަކީ ފަހުރުވެރި ދިވެހި ދަރިން ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ފާހަގަކުރެވޭ ދަރިން ކަމަށެވެ. އަދި މާދަމާގެ މަސައްކަތަކީ ގައުމުގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން އެންމެ މަތީ ފަރުވާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުން. ކުރިއަށްއޮތް ތަނުގައި ތިޔަ ބޭފުޅުންގެ މާމައިންނާއި ކާފައިން ބަލަހައްޓާނީ ދަރުމަވަންތަ ހޮސްފިޓަލުން. އަޅުގަނޑަކީ އިހުލާސްތެރިއެއް. އަޅުގަނޑު މިކުރާ މަސައްކަތަކީ ދިވެހި ގައުމުގެ ހައްގުގައި، ދިވެހި ގައުމިއްޔަތުގެ ހައްގުގައި، ދީނުގެ ހައްގުގައި ކުރާ މަސައްކަތެއް. ތި ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް. އުޖޫރައަކަށް ކުރާ މަސައްކަތެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ފިޔަވާ އެހެން ޗޮއިސްއެއް ނެތް ކަމަށާއި އިލްތިމާސްއަކީ ކޮންމެ މީހެއް ވެސް އިހުލާސްތެރިކަމާއެކު މާދަމާ ވޯޓު ދެއްވުމަށް ކަމަށެވެ. އަދި މިރެއާއި މާދަމާ ވެސް ދުއާ ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ ކޮންމެ މީހެއް އިހުލާސްތެރި ކަމާއެކު ވޯޓު ދެއްވުމަށް. މިރޭ ވެސް މާދަމާވެސް ދުއާ ކުރައްވާ. މާދަމާ ފަތިސް ނަމާދު ކުރައްވާތި. މާދަމާގެ ފަތިސް ނަމާދު ލާޒިމް. ﷲ ދެނެވޮޑިގެންވާނެ އަޅުގަނޑުމެންގެ އިހުލާސްތެރިކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ނިންމަވާލެއްވީ އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހާއްސަ ދުއާއަކުންނެވެ.