ޚަބަރު

ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ވައުދުތައް ރަނުން ރަނަށް ހާސިލު ކުރެވޭނެ: އަލީ ވަހީދު

އާނިފާ ހުސެއިން ސިރާޖް

މި ފަސް އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަތުރުވެރިކަމުގެ ވައުދު ރަނުން ރަނަށް، އަކުރުން އަކުރަށް ހާސިލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ފަހި ފުރުސަތުތަކެއް ހުޅުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓްކޮށް ނިމިފައިވާކަން ފާހަގަކުރައްވާ، މި ފެށުމާއެކު، ސަލާމަތާ ރައްކާތެރިކަމުގެ ޒަމާނީ މިންގަނޑުތަކާއި ސާވިސް ޗާޖު، މުވައްޒަފުންގެ ރޭޝިއޯ އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދަޅުވީ، އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސްކަމުގައިވާ މެއި މަހުގެ އެއްވަނަ ދުވަސް ފާހަގަކުރާނީ އެންމެހައި ކަންކަމަށް ސިޔާސަތުތައް އެކަށައެޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވޭ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ދަފްތަރާއެކު ކަމަށެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭންގެ މަސައްކަތް ނިންމައި އަންނަ އަހަރު އެ މަގުން ފަތުރުވެރިކަމުގެ ސިނާއަތް މަސައްކަތް ތަރުތީބު ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެންމެން ގުޅިގެން އެކުގައި ކުރާ މަސައްކަތުން އުންމީދުކުރާ އަމާޒުތަކަށް ވާސިލްވެވޭނެކަން ކަށަވަރު ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދު މި ފަސް އަހަރުގެ ތެރޭގައި ހާސިލު ކުރެވޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ އިގްތިސާދީ މައި ނާރެހުގެ ހުންގާނުގައި ހިފާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މަތީ މަގާމުތަކަށް ދިވެހިންނަށް އާދެވޭނެ މަގު ކޮށިގެންދާނެ ކަމަށާއި ހުނަރުވެރި ވަޒީފާތަކުގައި ދިވެހިންނަށް ފައިތިލަ ސާބިތުކުރުމުގެ ހުނަރާއި ފުރުސަތު ހޯދައިދެވޭނެ ކަމަށާއި ދިވެހި އަންހެނުން ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އަންނަ އަހަރާއެކު ފަތުރުވެރިކަމަށް އެދިއެދި ތިބި ރާއްޖޭގެ އެކި އަތޮޅުތަކުގައި މުޅިން އާ މަޝްރޫއުތައް ފެށިގެންދާނެކަމަށް މިނިސްޓަރުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.