ތިރީސް ހަ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިއާ) އަދި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.
އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިއާ) އަދި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުއާވިޔަތު އަބްދުލް ސައްތާރެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އިއްޔެ މަސައްކަތް ހަވާލުކުރި 36 ރަށެއްގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނީ 21 ރަށެއްގައި ކަމަށެވެ. އަދި 15 ރަށެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ފެނުގެ ނިޒާމް ކަމަށެވެ.
ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުތަކަށް ޖުމްލަ 22،054،920 ރުފިޔާ އަރާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ:
މ. ނާލާފުށި، މ.ރަތްމަންދޫ، ވ.ކެޔޮދޫ އަދި ވ.ރަކިދޫ، އއ. ފެރިދޫ، އއ.ހިމަންދޫ، އދ.ކުނބުރުދޫ، ޅ.އޮޅުވެލިފުށި، ރ.ފައިނު، ނ.ފޮއްދޫ، ނ.މާފަރު، ށ.ގޮއިދޫ، ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު، ހއ.ތަކަންދޫ، ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަޑެއްލާ، ލ.ހިތަދޫ، ލ.ކުނަހަންދޫ.
ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަވާލުކުރި ރަށްތަކަކީ:
ތ.ދިޔަމިގިލި، ތ.މަޑިފުށި، އދ.އޮމަދޫ، އއ.ދިއްދޫ، އއ.މަތިވެރި، އދ.ފެންފުށި، ބ.ކަމަދޫ، ބ.މާޅޮސް، ރ.އިންނަމާދޫ، ކ.ހިންމަފުށި، ނ.ހެނބަދޫ، ނ.މަނަދޫ، ށ.ފީވަކު، ހއ.މާރަންދޫ، ހއ.މުރައިދޫ.