ފޮރިން މިނިސްޓްރީ

ޖިންސީ ގޯނާގެ ތުހުމަތު ކުރެވެނީ މިނިސްޓަރަށް، އިސްތިއުފާދެއްވަން ޖެހޭ: ލަންކާ ސަފީރު

2

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް އެ މިނިސްޓްރީގެ އިސް ވެރިޔަކު ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވެނީ ސީދާ މިނިސްޓަރަށް ކަމަށާއި އެހެން ކަމުން މި ވަގުތު މިނިސްޓަރު އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު މިއަދު ވިދާޅުވީ މި މައްސަލަ ބަލަން އޮންނަ ކޮމެޓީއަކީ މިނިސްޓްރީގެ އިންޓާނަލް ކޮމެޓީއަކަށް ވެފައި ތުހުމަތު ކުރެވެނީ މިނިސްޓަރުގެ މައްޗަށް ކަމަށް ވާތީ، އެންމެ އިންސާފުވެރިކަމާ އެކު މައްސަލަ ބެލިދާނެތޯ ސުވާލު އުފެދޭނެ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އަކީ ގައުމީ ފެންވަރުގައި ވެސް ހައްގުތައް ހޯދަން ވަކާލާތު ކުރާ މިނިސްޓްރީ ކަމަށް ވާތީ ތަނުގެ މުވައްޒަފުން ތަކެއްގެ މިފަދަ ކަމެއް ފެންމަތިވުމުން އެފަރާތްތަކުގެ ހައްގު ކަށަވަރުކޮށްދޭނެކަން ޔަގީން ކުރުން މުހިންމު ކަމަށް މުންދު ވިދާޅުވި އެވެ.

"އެހެން ވީމަ އަޅުގަނޑު މިދަންނަވަނީ މައްސަލައިގެ ވިކްޓިމް އަށް ވެސް ބިރެއް ނެތި ވާހަކަދެއްކޭނީ އަދި މައުލޫމާތުތައް ހިއްސާކުރެވޭނީ އެފަދަ ހުރަހެއް ނެތި އެ ފުރުސަތު ލިބިގެންނޭ. މީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން." މުންދު ވިދާޅުވި އެވެ.

މުންދު އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނާ މެދު ވެސް ސީނިއަރ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

"މިނިސްޓްރީން ނެރުނު ބަޔާނުގައި މި އޮންނަނީ އިސްވެރިއެކޭ. އެހެން އޮތީމަ އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ރައްދުވޭ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ތުހުމަތު ކުރެވެނީ ސީދާ މިނިސްޓަރުގެ މައްޗަށް ކަމަށް ވާނަމަ އެގޮތަށް ބުނަންވީ. އަޅުގަނޑުމެން އެންމެން އޭގެ ތެރެއަށް ވައްދައިގެން ނުވާނެ." ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނަވައި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އޭނާ ނޫން ބައެއް ސީނިއަރ ބޭފުޅުން ވެސް މި މައްސަލައިގައި މިނިސްޓަރު އިސްތިއުފާދެއްވައި މިނިވަން ތަހުގީގަކަށް ޖާގަދެއްވަން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މިނިސްޓަރު މިހާތަނަށް އެއިން އެއްްވެސް ވާހަކައަކަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ މިކަން ފެންމަތި ވުމާ ގުޅިގެން، އެ ފަދަ މައްސަލަތައް ބަލާން އުފައްދަން ގާނޫނުން ލާޒިމުކުރާ ކޮމެޓީ، "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ"، މިނިސްޓްރީގައި އުފައްދާފައި އޮތްތޯ ބެއްލެވި އިރު، އެކަން ވެސް ކަށަވަރު ނުވާ ކަމަށެވެ. މި ކޮމެޓީ އުފައްދަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރީ 2014 ވަނަ އަހަރު އެވެ. އެންމެ ފަހުން މިނިސްޓްރީން ދެއްވި މައުލޫމާތުން އެނގިވަޑައިގެންނެވި ގޮތުގައި ކޮމެޓީ އުފެއްދެވީ މި މަހުގެ ހަވަނަ ދުވަހު ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އަދި މިހާތަނަށް އައި އިރު ކޮމެޓީގެ އެއް ބައްދަލުވުން ބާއްވާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ މިނިސްޓްރީން ވަނީ މައްސަލަ ފުލުހުންގެ "ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް" އަށް ފޮނުވާފަ އެވެ. އެހެން ނަމަވެސް ފުލުހުންނަށް ގުޅައިގެން އެކަން ކަށަވަރުކުރުމަށް "ވަން" އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. އެފަދަ މައްސަލައެއް ހުށަހަޅާފައި އޮތްތޯ ނުވަތަ ލިބިފައި އޮތްތޯ ޗެކު ކޮށްލެއްވުމަށް ފަހު ގުޅުއްވައިލައްވާނެ ކަމަށް ވިދާޅުވެ ފަހުން ޕޮލިސް މީޑިއާގެ ޚަބަރެއް ނުވި އެވެ. އަދި ފަހުން މި އާޓިކަލް ޝާއިއު ކުރުމުގެ ކުރީން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.

ފޮރިން މިނިސްޓަރުގެ މައްޗަށް ތުހުމަތު ކުރެވޭ މިފަދަ މައްސަލައެއް ހުށަހަޅައިފައި ވޭތޯ ކަށަވަރުކުރުމަށް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިސަރަށް އިއްޔެ ގުޅުމުން ފަހުން ގުޅުއްވައިލައްވާނެ ކަމަށް ވިދާޅުވެ، ފަހުން ގުޅުއްވި ނަމަވެސް އެކަން ކަށަވަރުކޮށެއް ނުދެއްވި އެވެ. އެ ފަދަ މައްސަލަ އެއް ހުށަހަޅާފައި ވޭތޯ "ޔެސް' އޯ "ނޯ" ވިދާޅުވެދެވާތޯ ދެންނެވުމުން ވެސް ވިދާޅުވީ "ހުށަހެޅިފައި ވާނަމަ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ" ކަމަށެވެ. ތަކުރާރުކޮށް އެހުމުން ވެސް ދެއްވީ އެޖަވާބެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަފީރުންގެ ވައިބަރު ގުރޫޕުގައި ވެސް ބައެއް ސަފީރުން ވަނީ މި މައްސަލައިގެ ތަހުގީގަށް ޖާގަދެއްވުމަށް ޓަކައި މިނިސްޓަރު އިސްތިއުފާދެއްވަން ގޮވައިލައްވައިފަ އެވެ. އަދި ބައެއް ކަހަލަ ކަންބޮޑުވުންތައް ވަނީ ފާޅުކުރައްވައިފަ އެވެ. އެ ގުރޫޕުގައި މިނިސްޓަރު އިންނެވި ނަމަވެސް އެއިން އެއްވެސް ކަންބޮޑުވުމަކަށް މިނިސްޓަރު އެއްވެސް ޖަވާބެއް މިހާ ހިސާބަށް އައި އިރު ދެއްވާފައި ނުވާ ކަމަށްވެ އެވެ.

މި ތުހުމަތާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރުގެ ކޮމެންޓެއް ލިބޭތޯ ދެ ދުވަސް މަތީން ވަނީ މެސެޖުކުރެވިފަ އެވެ. އެހެން ނަމަވެސް އެއްވެސް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟