ޚަބަރު

ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ކުދިން ޖެހިލުންވިޔަ ދީގެން ނުވާނެ: ހުތުބާ

އާނިފާ ހުސެއިން ސިރާޖް

ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ކުދިން ޖެހިލުންވިޔަ ދީގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

"ދަރިންނަށް މަސައްކަތް ދަސްކޮށްދީ، މުޖްތަމައުގެ މަސައްކަތުގައި ބައިވެރިކުރުވުން" މި މައުލޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވަނީ، އިސްލާމުދީނުގައި މަސައްކަތެރިކަމަށް ދެއްވާފައިވާ އަހަންމިއްޔަތު ކަމަށާއި ކުދިން ޅަ އިރުންސުރެ މަސައްކަތް ދަސްކޮށްދީ އެކުދިން އެކަމަށް އަހުލުވެރިކުރުމަށާއި އަމިއްލައަށް ކުރާ ހަލާލު މަސައްކަތުން ރިޒުގު ހޯދުމަށް ދީނުގައި ބާރު އަޅުއްވާފައިވާ މިންވަރަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން މަސައްކަތްތެރިކަމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށާއި އިސްލާމްދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެއްވެފައި ނުތިބެ، މުރާލިކަމާއި ހީވާގިކަމާައެކު ހުއްދަ މަސައްކަތްކޮށް ރިޒްގު ހޯދުމަށް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އެކަމަށް ބާރު އަޅުއްވައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އިންސާނާ ކައިފި އެންމެ ހަލާލުވެގެންވާ އެއްޗަކީ، އޭނާގެ މަސައްކަތުން ހޯދައިގެންފި އެއްޗެކެވެ"

ހުތުބާގައި ވިދާޅުވީ، ޅަދަރީންނާއި ޒުވާނުންނަށް ވެސް މަސައްކަތް ދަސްކޮށްދީ، ޅައިރުންސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް އެކުދިން ހަދަން ޖެހޭ ކަމަށާއި އަމިއްލައަށް ކުރެވޭ ވަރުގެ އަމިއްލަ ކުރުމުގެ އާދަ ހަރުލައްވައި އެކުދިންގެ ކިބައިގައި ގޭތެރޭގަ އާއި މުޖްތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫހު އަށަގަންނުވަން ޖެހޭ ކަމަށެވެ.

އަދި ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް އެކުދިން ޖެހިލުންވިޔަ ދީގެން ނުވާނެކަން ފާހަގަކޮށް، މަސައްކަތް ކުރުމަކީ ހައްގެއް ކަމަށާއި އެއީ ޝަރަފެއް އަދި ވާޖިބެއް އަދި ކުރިއެރުމެއްކަން ދަނެ އެ ޝިއާރު އުފުލަން ޖެހޭ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ގައުމެއް ތަރައްގީވެ ކުރިއަރައިގެންދާނީ ގައުމެއްގެ ދަރީންނަކީ ގޯތިގެދޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތުން ފެށިގެން ގައުމީ މަސައްކަތަށް ދާންދެން ކުރަން ފަސް ނުޖެހޭ އެކަންކަމުގައި މުރާލި، ހީވާގި، ކެރޭ، ހަރުދަނާ ބަޔަކު ކަމުގައި ވެގެންކަން ވެސް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ތިމާކުރާ ކަމަކީ އެހެން މީހަކަށް ކޮށްދޭ މަސައްކަތެއް ނަމަވެސް އެކަމެއް ކުރަން ޖެހޭނީ ކުރެވޭ އެންމެ ރަނގަަކަށް އެންމެ ފުރިހަމައަށް ކަމަށާއި އޭގެ ސަބަބުން އެމީހަކުދެކެ ﷲ ލޯބިވެވޮޑިގެންވާނެ ކަމަށެވެ.