ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ މި ޖަޒީރާތަކުގެ ތޮބީއީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން ކަމަށާއި ތިމާވެށި ހިމާޔަތްކޮށް ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އެ ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު ބައިނަލްއަގްވާމީ މުޖްތަމައު ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމަށާއި ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިންގެ އަމާޒަކަށް ވާންވީ ފަރުދުންގެ އިގްތިސާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުން ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތައާރަފް ކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހެއެވެ. ވިޔަފާރި ފަތުރުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެވެ. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރެވެ." ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.