ޚަބަރު

ނިއުކްލިއާ ހަތިޔާރު މަނާކުރުމުގެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

އދ. ގެ ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު މަނާކުރުމުގެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެ މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުޔޯކުގެ ހެޑްކުއަޓާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށް ތަސްދީގުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ނިއުކުލިއާ ހަތިޔާރު ދުނިޔެއިން އެކީ ނައްތާލުމަށް މަސައްކަތް ކުރުން ކަމަށެވެ.

ނިއުކުލިއާ ހަތިޔާރު މަނާކުރުމުގެ މި މުއާހަދާއަކީ އދ. ގެ ގައުމުގަތަކުގެ މެދުގައި ފުރަތަމަ އެކުލަވާލީ 20 ސެޕްޓެމްބަރު 2017 ގައެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމުގެ އިތުރުން އޭގެ ނުރައްކަލުން ސަލާމަތްވުމަށް އެކުލަވާލެވުނު ގާނޫނީ ގޮތުން ތަންފީޒު ކުރެވުނު ފުރަތަމަ މުއާހަދާއެވެ. އެއްކޮށް ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް ބައިނަލްއަގްވާމީ ގައުމުތަކުން ކުރަމުންދާ މަސައްކަތުގައި މި މުއާހަދާއިން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މުއާހަދާގައި ބައިވެރިވާން ކެބިނެޓުން ވަނީ ނިންމައިފައެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.