ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އާލްއައްސާފާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައެވެ.
ރައީސް އޮފީހުން ބުނީ، ސައުދީގެ ހާރިޖީ ވަޒީރާއެކު ރައީސް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެގައުމުން ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި ރާއްޖޭގެ އުމްރާނީ، އިގްތިސާދީ ތަރައްގީގެ މަޝްރޫއު ތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރިޔާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާދާއި ޖިއްދާ އާއި މާލެ އާއި ދެމެދު ގާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކަށް އަލިއަޅުއްވާލައްވައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، އަދި ހާއްސަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ވަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ފާހަގަކުރައްވައި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން މިގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ރައީސް ސޯލިހާއި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާ ތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.