މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް އިސްލާމީ މަރުކަޒުގައި ހުތުބާ ކިޔާ ވަގުތު، ޚުތުބާގައި ކިޔާތަކެތި ސައިން ލޭންގުއޭޖުގެ އެހީގައި ކިޔައިދޭ އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ސައިން ލޭންގުއޭޖްގެ އެހީގައި އަޑުއެހުމުން މަހުރޫމްވެފައިވާ ކުދިންނަށް ހުކުރު ހުތުބާ ކިޔައިދޭނެ ކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އަޑުއެހުމުން މަހުރޫމުވެފައިވާ ކުދިން ތިބުމަށް މިސްކިތުގެ ތިން ވަނަ ފަންގިފިލާގެ ކަނާތު ފަޅީގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޓީވީއެމް އިން ހުތުބާ ލައިވް ކުރާ ވަގުތު ޓީވީ އިން ވެސް ހަރަކާތުން ހުތުބާ ފެންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއީ ރާއްޖޭގައި އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ހުކުރު ހުތުބާ އިޝާރާތުން ކިޔައިދޭ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން އެކި ޖަލްސާތަކާއި ދަރުސްތަކާއި ހައްޖު ހުތުބާތައް ސައިން ލޭންގުއޭޖުން ގެނެސްދީފައިވެއެވެ.