މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މިހާރު އޮތް ލީޑާޝިޕުން ކުރާ މަސައްކަތުން މުއައްސަސާގައި ކުރިން އޮތް ކަޅު ސޮފްހާ ނިމުމަކަށް ގެނެސް އިތުބާރު ހިފޭ މުއައްސަސާއަކަށް ހަދާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މާފުށީގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން މުނާޒު ވިދާޅުވީ، އެ މުއައްސަސާއާ ހަވާލުވިއިރު މުއައްސަސާގެ ހާލަތު އޮތީ ރައްޔިތުންނާއި ގައިދީންނާއި އަދި ބަންދު މީހުންގެ ދޫތަކުން ކަރެކްޝަން ސާވިސްއާ ދޭތެރޭގައި ހެޔޮ ބަހެއް ބުނެލަން އުދަނގޫވާފަދަ ނިކަމެތި ދަރަޖައެއްގައި ކަމަށެވެ.
ނަމަވެސް އާ ލީޑާޝިޕާއެކު ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރު ހިފޭ މުއައްސަސާއަކަށް ވަރަށް އަވަހަށް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނާއި ޖަވާބުދާރީވާންޖެހޭ ވެރިންނަށް، ޔަގީންކޮށް މި އަރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުރިހާ އޮފިސަރުންނާއި ސިވިލް މުވައްޒަފުން ހިމެނޭ ގޮތަށް ލީޑާޝިޕުން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ދެންނެވި ކަޅު ސޮފްހާ ނިމުމަކަށް ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކީ ރައްޔިތުން ބަލައިގަންނަ. އިތުބާރު ހިފޭ މުއައްސަސާއަކަށް ދާދި އަވަހަށް ﷲގެ ރަހުމަތްފުޅާއެކު ވެގެންދާނެ،" މުނާޒު ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، ޖަލު ބެލެހެއްޓުުމުގެ އަސާސީ މިންގަނޑެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ކަނޑައަޅާފައިވާ މަންޑޭލާ ރޫލްސްގެ މިންގަނޑަށް ވާސިލްވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މިންގަނޑުގެ ތެރެއިން ހިންގުމުގެ ނިޒާމެއް އެކުލަވާލުމަށާއި ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށާއި މަސައްކަތްތަކާއި ކުށުގެ ވެށިން މީހުން ސަލާމަތްކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމުގެ އިތުރުން މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މުނާޒު ފާހަގަކުރެއްވިއެވެ.
އަދި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރެވިފައިވާ ގިނަ ކަންތައްތަކުގެ ތެރެއިން ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވެސް މިހާރު ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބޯފެނުގެ ނިޒާމް ރަނގަޅު ކުރެވި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައި، ބަންދު ކުރެވޭތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެކަން އޭނާގެ އާއިލާއަށް އެންގުމަށް، ފޯނު ކޯލެއް ދިނުން، ޖަލުގެ ގަވާއިދުގެ ތެރޭގައި ހިމަނާފައިވާކަން މުނާޒު ވިދާޅުވިއެވެ.
އަދި ކޮންމެ 15 ދުވަހެއްގެ ތެރެއިން އެއް ފަހަރު އާއިލާއަށް ހިލޭ ފޯނު ކޯލެއް ދިނުމަށް ހަމަޖައްސާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.