އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް އިން ބުނެފައި ވަނީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮނުއްވެވި ދައުވަތު، ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށެވެ.
މޯދީ އިންޑިއާ އިން ރާއްޖެ ވަޑައިގަންނަވަންވާއިރަށް އެމަނިކުފާނުގެ އޮފިޝަލް އެޑްވާންސް ޓީމް މިހާރު ރާއްޖެ ގޮސްފައިވާ ކަމަށް ވެސް އެެ މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅިގެން އިންތިހާބީ ރައީސްގެ ސްޕޯކްސްޕާސަން މާރިޔާ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަތުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި އެކުވެރި ކަމަށް އާ ފެށުމެއް ކަމަށް އުއްމީދުު ކުރައްވާ ކަމަށެވެ.
މޯދީގެ އެޑްވާންސް ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެޑްވާންސް ޓިމުގެ އިތުރުން އެމަނިކުފާނުގެ ސީކްރެޓް ސާވިސް ޓީމެއް ވެސް ވަނީ ރާއްޖެ އައިސްފައެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. އެތަނަށް 11000 އަށް ވުރެ ގިނަ މީހުންނަށް ވަދެވޭނެ އެވެ. އެހެން ނަމަވެސް އެ ރަސްމިއްޔާތަށް ވަދެވޭނީ ދައުވަތު އަރުވާ ފަރާތްތަކަށެވެ.