ޚަބަރު

މިއަހަރު ނިމެންވާއިރަށް ޖަލުތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑެއް ކަނޑައަޅައި އާންމު ކުރާނަން: މިނިސްޓަރު

މަރިޔަމް ޝަހުދާ

2

މިއަހަރު ނިމެންވާއިރަށް ޖަލުތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑެއް ކަނޑައަޅާ އާންމު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކ.މާފުށީގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތިގެންދާގޮތަށް ގައިދީންނާ މެދު ކުރެވޭ މުއާމަލާތުގެ މައްޗަށް މެނުވީ މުއައްސަސާ ހަރުދަނާވެ ފުރިހަމަވެގެން ނުދާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިވެހިން ގަބޫލުކުރާ އަދި ދުނިޔެ ގަބޫލުކުރާ ނުވަތަ އެއްބަސްވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅަފައިވާ މިންގަނޑުގެ ތެރެއަށް ކަންކަން ފެއްތުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖަލުތަކުގައި ހުންނަން ޖެހޭނެ އެންމެ ދަށް މިންގަނޑު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޖަލު ގޮޅިއަކީ ދަންނަ ތަނެއް ކަމަށެވެ. އަދި އެތަނުގެ ހާލަތާއި އެތަނުގައި ކަން ހުންނަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ޖަލުތަކުގެ ހާލަތު ބަދަލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތާނގައި އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތައް ފެންނަންވާނީ ހަމައެކަނި ކަޅާއި ހުދުން ލިޔާ ގަލަމަކުން ނޫންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަޔާސަތުތަކަށް އަންނަ ބަދަލު ފެންނާނީ އެކަންކަން ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ކިބައިން ކަމަށެވެ. އަދި ކަރެކްޝަނަލް ސާވިސްއަށް ގެންނަ ބަދަލުތައް މުޅި މުއައްސަސާގެ އިތުރުން ވަކިވަކި އޮފިސަރުންގެ ކިބައިން ފެންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން ތަސައްވަރު ކުރާ ފަދަ ތަނަކަށް ޖަލު ހެދުމަށްޓަކައި އެންމެ ބޮޑު ބަދަލެއް އަންނަން ޖެހެނީ ތިބޭފުޅުންގެ ވިސްނުމަށް. ތިބޭފުޅުންގެ ވިސްނުމަށް އެ ބަދަލު އައިސްގެން ނޫން ގޮތަކަށް މިކަން ވާކަށް ނެތް. ސަރުކާރުގެ ސިޔާސަތު ކިތަންމެ ރަނގަޅަށް އޮތަސް، އެކަން ތަންފީޒުކުރަން ތިބޭ ބަޔަކީ ތިބޭފުޅުން. ޖަލުގައި މީހުން ބަންދުކުރުމުގައި އަޅުގަނޑުމެން މި ގެންގުޅޭ ފަލްސަފާ ތިބޭފުޅުން ބަލައިގަންނަން އެބަޖެހޭ. ޖަލުގައި ބަންދުކޮށްފައި ހުންނަ މީހާއާ މެދު ދެކޭ ގޮތް އެބަ ބަދަލުވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިކަންކަން ކަށަވަރު ކުރުމުގެ ގޮތުން ޖަލުގައި ބަންދުކުރާ މީހުންނާއި ސީދާ ގޮތުން އަދި ނުސީދާ ގޮތުން މުއާމަލާތު ކުރާ އެންމެންނަށް އދ އިން ބަލައިގަންނަ، ބަންދުކުރެވޭ މީހުންނާ މެދު އަމަލުކުރާނެ އެންމެ ދަށް މިންގަނޑު ކަމަށްވާ ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މިންގަނޑުތަކަށް އޮފިސަރުން އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި މިހާރުވެސް މި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތު ދަށް ކަމަށް ދެކެވޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކަތަކެކެވެ. އަދި ދާދި ފަހުން މާލެ ރިމާންޑް ޖަލުގެ ހާލަތު ދަށްވުމުން އެޗްއާރުސީއެމް އިން ވަނީ އެ ޖަލު ބަންދުކުރުމަށް ކަރެކްޝަނަށް އަންގައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟