ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމާ ގުޅޭ ގޮތުން އިންޑިއާގެ ޗީފް ހައިޑްރޮގްރާފާ ވައިސް އެޑްމިރަލް ވިނޭ ބަދްވާ އާއި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޝްވަރާކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް ހައިޑްރޮގްރާފާއެކު މި މަޝްވަރާތައް ކޮށްފައިވަނީ ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމާ ގުޅޭ ގޮތުންނާއި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މި ދެބޭފޫޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ޕުރަޝާންތު ހާންޑު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހައިޑްރޮގްރަފީ އަކީ މޫދު، ފަޅު، ކަނޑު، ފެން ކޯރު އަދި ވާދީތައް މިނެކިރާ، އެތަންތަނުގެ ''ފިޒިކަލް ފީޗާސް'' ސައިސްގެ އެހީގައި ހޯދާ ހޯދުމެކެވެ. މީގެ އިތުރުން މޫދާ، ފަޅުތަކާ، ކަނޑުތަކާ ފެންކޯރުތައް އަދި ވާދީތަކަށް އެކި ވަގުތު އަންނަ ބަދަލުތަކާއި ކުރިއަށް އަންނާނެ ބަދަލުތައް ލަފާކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރު ކުރުމަށް އެހީވެދޭ ޒަރިއްޔާއެކެވެ.
މީގެ އިތުރުން ހައިޑްރޮގްރަފީ އަކީ މެރިން ދާއިރާގެ އެކި ހަރަކާތްތަކާއި، އުމްރާނީ ތަރައްގީ، ސަލާމަތާއި ދިފާއީ ބާރުގެ އިތުރުން ސައިންސް ދާއިރާގެ ހޯދުންތަކަށް އެހީވުމާއި އަދި ތިމާވެށި ރައްކާތެރިކުރުމަށް ލިބިގެންދާ އެހީއަަކަށް ވާނެއެވެ.