ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި އެއްވެސް މިންވަރަކަށް ކޮރަޕްޝަން ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު އެހެން ވިދާޅުވީ، ހެލްތު މިނިސްޓްރީއަށް 15 އެމްބިއުލާންސް ހޯދުމަށް އިންޑިއާގެ މޯހަން މުތާ ކުންފުންޏަށް ދިނުމާ ގުޅިގެން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ފިނޭންސް މިނިސްޓްރީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮރަަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނަ ކަމެއް ހިންގުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
އަދި އެމްބިއުލާންސް ހޯދަން ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ބަލައިދިނުމަށް އޭސީސީއަށް މައްސަލައެއް ހުށަހެޅުމަކީ މިނިސްޓްރީން އެކަމަށް މަރުހަބާ ކިޔާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"99 އިންސައްތަ ޔަގީންކަން ދެން އެއްވެސް ޕްރޮޖެކްޓެއް އެވޯޑު ކުރުމުގައި ކޮރަޮޕްޝަން ނުހިމެނޭނެ ކަމުގެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް ނޭޝަނަލް ޓެންޑަރު ބޯޑުން އެވޯޑު ކުރާ ޕްރޮޖެކްޓްތަކުގެ ލިސްޓު، އާންމުކޮށް ފެންނާނެ ގޮތަށް ޝާއިއު ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ސަރުކާރުގެ އެކި ވުޒާރާތަކުން ހިންގާ މަޝްރޫއުތަކުގެ ކަންކަން ބަލަނީ އެ މަޝްރޫއެއް ހިންގާ ވުޒާރާއިން ކަމަށާއި ފިނޭންސަށް ޕްރޮޖެކްޓެއް އަންނާނީ، އެ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވުމުން ކަމަށެވެ.
ފަނަރަ އެމްބިއުލާންސް ހޯދައިދޭން އޭޑީކޭއިން ބީލަން ހުށަހެޅީ އިންޑިއާގެ މޯހަން މުއްތާ ކުންފުންޏަށް ވުރެ ކުޑަ އަގެއްގައެވެ.
އެގޮތުން، އެކުންފުނިން ހުށަހެޅީ 59 ދުވަހާއި 89 ދުވަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާއަށް އެމްބިއުލާންސްތައް ގެނެސްދިނުމަށެވެ. އެހެން ނަމަވެސް އިންޑިއާ ކުންފުނިން ހުށަހެޅީ 90 ދުވަހުގެ ތެރޭގައި 8.7 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން ނޭޝަނަލް ޓެންޑަރު ބޯޑްގެ ސެކްރެޓޭރިއެޓް ބަލަހައްޓަމުން އަންނަނީ ފިނޭންސް މިނިސްޓްރީންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކުރަނީ ފައިނޭންޝަލް އިވެލުއޭޝަންގެ މަސައްކަތް ކަމަށާއި ޓެކްނިކަލް އިވެލުއޭޝަން ކުރިއަށް ގެންދާނީ، އެ މަޝްރޫއެއް ހިންގާ ކުންފުނިން ކަމަށެވެ.
އެގޮތުން ޕްރޮޖެކްޓެއް އެވޯޑު ކުރާއިރު ސަރުކާރުން ބަލަނީ އެންމެ ކުރު މުއްދަތާއި އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެ މަސައްކަތް ހަވާލު ކުރުމަށްވުރެ ބޮޑަށް ޓެކްނިކަލް އިވެލުއޭޝަނަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އަދި ޓެކްނިކަލް އިވެލުއޭޝަނުން ފެއިލް ވެއްޖެނަމަ، ޕްރޮޖެކްޓް ހިންގާ އަގު ކުޑަވިޔަސް، އެ ކުންފުންޏަކަށް ބީލަން ކާމިޔާބު ނުވެދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިިނިސްޓަރު އިތުރަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ބީލަން ކޮމެޓީން އެފަދަ މަސައްކަތްތައް ކުރަނީ އިންސާފުވެރިކޮށް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭސީސީން އެފަދަ މައްސަލަތަކެއް މީގެ ކުރިން ވެސް ބަލާފައިވާއިރު، ގޯސްކޮށް އެއްވެސް ބީލަމެއްގެ އިވެލުއޭޝަން ހެދުނު މައްސަލައެއް މިހާތަނަށް ކުރިމަތިވެފައިނުވާ ކަމަށް ވިދާޅުވިއެވެ.