ޚަބަރު

ބޮޑު ކާރިސާއަކާ ކުރިމަތިލުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތް: އިދިކޮޅު

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ހުކުރު ދުވަހުގެރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލު ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންކަން ހިނގަމުންދާ ގޮތުން ބޮޑެތި ހާދިސާއަކުން އަރައިގަތުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ މުދާ އަނދައިގެން ދިޔައިރު، އޭގެ ހައްގު ބަދަލު ހޯދަން ކުރަންޖެހޭ މަސައްކަތް އާންމު އުސޫލުން ކުރަން ޖެހުމަކީ ދެރަ ކަމެއް ކަމަށެވެ.

އެގޮތުން، އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ކޮންމެ ދުވަހަކު ކެއުމުގެ ހަރަދަށް ބޮލަކަށް ދެމުން ގެންދަނީ 200 ރުފިޔާ ކަމަށާއި އޭގެ އިތުރަށް އެއްވެސް ހަރަދެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ އާދަމް ޝަރީފު ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިއިރު، އެމީހުންނަށް ހާއްސަ އުސޫލެއްގެ ދަށުން ކަންކަން އިންތިޒާމު ކުރެވެންވާނެ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެންމެ އެދެވިގެންވާ އެހީތެރިކަމެއް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައި ނުވާކަމީ، މި ސަރުކާރުގައި ބޮޑެތި ހާދިސާއަކުން އަރައިގަތުމުގެ ގާބިލްކަން ނެތްކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''ކޮންމެ ކަމެއްވެސް އާންމު އުސޫލުން ކުރަންޖެހޭ ތަން މި ފެންނަނީ. އެއީ މިފަދަ ހާލަތެއްގައި ކަންކަން އޮންނަންވާނެ ގޮތެއް ނޫން. އެހެންވީމަ މިކަންކަމުން މި ހާމަވާ ކަމަކީ ބޮޑު ކާރިސާއެއް މެނޭޖް ކުރުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތްކަން. މިއީ ރާއްޖޭގެ ރަށްރަށަށް ބަލާއިރު ނިސްބަތުން ވަރަށް ކުޑަ އާބާދީއެއް އުޅޭ ތަނަކަށް ކުރިމަތިވި ކަމެއް. ނަމަވެސް މިހާ ހިސާބަށް އައިއިރުގައި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް ވަރަށް ކުޑަކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،'' ޝަރީފު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ހާދިސާގައި ގާތްގަނޑަކަށް 400 މީހުން ހާލުގައި ޖެހުނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން ބުނި ގޮތުގައި، އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް، ގެއްލުމުގެ ބަދަލުގައި ގޮތުގައި 20 ޕަސެންޓް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ވެސް އާދަމް ޝަރީފު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ އުމްރާނީ ކަންކަން އާރާސްތުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި ހަމައެކަނި ގެއްލުމުގެ 20 ޕަސެންޓް ދިނުމަކީ އެ ރައްޔިތުން މަގުމަތި ވެގެންދާނެ ކަމެކެވެ.

"....ކޮންމެހެން ޒަރޫރީ ގޮތުން ބޭނުންވާ ކަންކަން ނެތް ކަމަށް ވެއްޖެއްޔާ ވަރަށް ދަތިވާނެ އުޅެން. އަދި ފާރުތަކުގައި ރެނދުލައި ހަލާކުވެފައި ހުރިކަމަށްވާނަމަ އެތަނަކު ދިރިއެއް ނޫޅެވޭނެ. އެހެންވީމާ އުމްރާނީ ގޮތުން އާރާސްތުކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން ނުކުރެވި ހަމައެކަނި 20 ޕަސެންޓް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަރައްޔިތުން މަގުމަތި ވެގެންދާނެ ކަމެއް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.