ޚަބަރު

ރައީސް ޔާމީންގެ ވަކީލުން މަޝްހޫރުވާން އުޅޭކަން ފާހަގަ ކުރެވޭ، އިއްޔެ ގާޒީ ފިޔަވަޅު އެޅުއްވީ ރަނގަޅަށް: ފާއިޒް

އިބްރާހިމް ޒަކީ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ މާނީ ލޯންޑާ ކުރުމުގެ ދައުވާގެ އިއްޔެގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ދިފާއީ ވަކީލު އާދަމް އާސިފް ވަކި ރާގަކަށް ބަޔާން އިއްވަވަނިކޮށް، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެކަން ހުއްޓުވުމަކީ ރަނގަޅަށް ކުރެއްވި ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވައިފިއެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ފާހަކުރެވުނު ކަންތައްތައް ފާހަގަ ކުރައްވައި އަހްމަދު ފާއިޒްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވަކީލުގެ އެ އަމަލު ހުއްޓުވުމަށް އިސްގާޒީ އެޅުއްވި ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ފާއިޒް ވިދާޅުވީ ލައިވްކުރާ ޝަރީއަތެއް ނަމަ، މަޝްހޫރުކަން ހޯދުމަށް ތަފާތު ޓެކްޓިކް ބޭނުންކުރުމަކީ ހުރިހާ ތަނެއްގައިވެސް، ވަކީލުން ކުރާ ކަމެ ކަމަށެވެ.

"މަޝްހޫރުވެގެން ދިޔަ އޯޖޭ ސިމްސޮން ގެ ޝަރީއަތް ދުނިޔޭގެ ގިނަ ޓީވީތަކުން ލައިވްކުރި. އެ މައްސަލައިގެ ދިފާއީ ވަކީލު މަޝްހޫރުވީ އޭނާގެ ސްމާޓުކަން ދައްކަން ކުރި މަސައްކަތުން. ސައުތު އެފްރިކާގެ މަޝްހޫރު ބްލޭޑް ރަނާރ އޮސްކާ ޕިސްޓޮރިއަސްގެ ޝަރީއަތަކީ ވެސް ދުނިޔޭގެ ގިނަ މީޑިޔާތަކުން ލައިވްކުރި ޝަރީއަތެއް. އެ ޝަރީއަތުން ވެސް، ދިފާއީ ވަކީލުން ޓެކްޓިކް ބޭނުންކޮށް މަޝްހޫރުކަން ހޯދި.،" ފާއިޒް ވިދާޅުވެފައިވެއެވެ.

ފާއިޒް އިތުރަށް ވިދާޅުވީ، ލައިން ކުރަމުން އަންނަ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީސްތަކުން ވެސް އެފަދަކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދިފާއީ ވަކީލަކު އޭނާގެ ސްމާޓުކަން ދެއްކުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ތެރެއިން ބައެއް ބަސް، ގާޒީއަށް ރައްދުކުރާ މަންޒަރު ފެންނަކަމަށް ވިދާޅުވިއެވެ.

"ޤުރުއާން ތަރުޖަމާ ކިޔުމާއި، ހުތުބާކިޔުމާއި، ޝަރީއަތުގެ މަޖިލީހުގައި ބަޔާން އިއްވުމާއި، މިއިން ކޮންމެ ކަމަކީވެސް އެކަމެއްގެ މަގާމުގައި ވަކި އުސްލޫބަކުން ކުރަމުން އަންނަ ކަންކަން.

ޝަރީއަތުގެ މަޖިލީހުގެ އަދަބުތަކެއް ހުރޭ. ހިފަހައްޓަންޖެހޭ އުސޫލުތަކަކާއި ހަމަތަކެއް ހުރޭ. އޭގެތެރެއިން ގިނަ ކަންކަމަކީ ދުނިޔޭގެ އެހެން ޖޫރިސްޑިކްޝަންތައް ފަދައިން ލިޔެފަހުންނަ ކަންކަމެއްނޫން. ނަމަވެސް، ކޯޓު ރޫމްތަކަށް ފަރިތަ ވަކީލުން ރަނގަޅަށް ދަންނާނެ ކަންތައްތައް. އިއްޔެ، ޤާޒީ އިޝާރާތް އެކުރެއްވީ އެކަމަށް،" ފާއިޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި ފާއިޒް ވިދާޅުވީ، ޝަރިއަތުގެ މަޖިލީހަކީ ރައްޔިތުންގެ މަންދޫބުން އެކުރާ މަޖިހިލީހާއި މުޅިން ތަފާތު މަޖިލީހެއް ކަމަށެވެ.

ޝަރީއަތުގެ މަޖިލީހަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަކި ހަމަތަކަކާ އެއްގޮތަށް ހިންގާ މަޖލީހެއް ކަމަށާއި، ޝަރީއަތުގެ މަޖިލީހުގެ އެ ހަމަތައް ހިފެހެއްޓުމަކީ އިސްކަމެއް ދެއްވައިގެން ފަނޑިޔާރު ކުރައްވާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުތުބާ ވިދާޅުވާ ރާގު ދޫކުރައްވައި، ޑްރާމާ ކުޅުއްވާގޮތް ބަދަލުކުރައްވައި، ބަޔާން ހުށަހެޅުއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެންގެވީ، ރައީސް ޔާމީންގެ މައްޗަށްކުރާ ދައުވާގެ އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލު އާދަމް އާސިފް އަަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ދިފާއުގައި ހެކި ހުށަހެޅުއްވުމަށާއި، ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް، ދައުލަތުން ހުށަހަޅުއްވާފައިވާ ހެތްކާބެހޭގޮތުން ވާހަކަ ދެއްވުމަށް ދެއްވި ފުރުސަތުގައި ވަކީލު އާދަމް އާސިފް ވާހަކަ ފައްޓަވައި ވަރަށް ދިގުކޮށް، ރާގެއްގައި ވާހަކަ ކުރިއަށް ގެންދަވަން ފައްޓަވައި ގިނަ އިރުތަކެއް ވުމުން، ވަކީލުގެ ވާހަކަ މެދު ކަނޑުއްވާލެއްވުމަށްފަހު، އިސްގާޒީ ހައިލަމް ވިދާޅުވީ، ވަކީ ލަކީ އަލަށް ޝަރީއަތަށް ވަޑައިގެންނެވި ބޭފުޅެއްނޫން ކަމަށެވެ. އަދި ތަންކޮޅެއް ރަނގަޅަށް ބަޔާން ހުށަހެޅުމަށް އިސްގާޒީ ވަކީލަށް އެންގެވިއެވެ.

އިސްގާޒީ އެހެން އެންގެވުމުން ވަކީލު ވިދާޅުވީ، އެއީ އަޑުހުރިގޮތުން ވާކަމެއް ކަމަށެވެ. ނަމަވެސް އެހެން ބޭފުޅުން އެފަދަ ރާގެއް ބޭނުން ނުކުރައްވާކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިސްގާޒީ ވިދާޅުވީ، ދިފާއީ އަނެއް ވަކީލު އަލީ ޝާހާއި ދައުލަތުގެ ޕްރޮސިކިއުޓާ ބަޔާން ހުށަހެޅުއްވި ކަމަށެވެ.

އަދި އެއީ ވަކީލު އާސިފް ގެ އަޑުގައި ހުކަމެއްނޫންކަމަށާއި ރާގުގެކަމެއް ކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އަދި ރާގު ގެންގުޅުއްވާގޮތުން ހުތުބާއެއް ވިދާޅުވާހެން ބައެއް ފަހަރު ހީވެވަޑައިގަންނަވާ ކަމަށާއި، ބައެއް ފަހަރު ޑްރާމާއެއް ކުޅުއްވާހެން ހީވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރަނގަޅަށް ވާހަކަ ދެއްކެވުމަށް އިސްގާޒީ ހައިލަމް ވަކީލު އާސިފްއަށް އެންގެވިއެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްދިޔައީ ދެ ފަރާތުން ހެކި ހުށަހެޅުމާއި ހެތްކާބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟