މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލު ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކާއި އެ ސަރަހައްދުގެ ހާލަތު ނައިބު ރައީސް ފައިސަލް ނަސީމު ބައްލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި އެސަރަހައްދުގައި މިހާރު ކުރިޔަށްދާ މަސައްކަތްތައް އޮޅުންފިލުއްވައި އަލިފާނުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވާފައިވެއެވެ.
އަދި އެ ސަރަހައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކާ އަދި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ.
އެސަރަހައްދު ސާފުކުރުމުގެ އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.