އިބްރާހިމް ޒަކީ
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ މިހާހިސާބަށް އައީ، ވޭތުވެދިޔަ ސަރުކާރުތަކަށް ޒިންމާ ނުނެގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކަށް ތާއީދު ކުރައްވައި، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައަކީ މިއަދަކު ނުވަތަ އިހައްދުވަހަކު ޖެހިގެންއުޅޭ މައްސަލައެއް ނޫން ކަމަށެވެ. އަދި މިއަދު ސަރުކާރުން ކުރާ މަސައްކަތަކީ ތަފްސީލް އަދަދުތައް ދެނެގަތުމަށްކުރާ މަސައްކަތެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކޮންމެ ފަހަރަކު ފަށާއިރު، ކުރިމަރާލުމަކީ މައްސަލައިގެ ހައްލު ނުހޯދޭ ސަބަބު ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ސިޔާސީ މީހުންވެސް އެއްބާރުލުން ދޭންޖެހޭކަން ފާހަގަ ކުރައްވައި، މޫސަ އިތުރަށް ވިދާޅުވީ، ފިލައިގެން އުޅޭ ބިދޭސީން ދެނެ ގަންނަން ސަރުކާރުން ކުރާ މަސައްކަތަށް ފުރިމައަށް ތާއީދު ކުރައްވާ ކަމަށެވެ.
އަދި ކުށްކުރި މީހުންނާއި، ކުށްވެރިވާ ބަޔަކު ވެސް އެންގޭނީ ރާއްޖޭ ގައި ގަވާއިދާ ހިލާފަށް އުޅޭ ބަޔަކާއި، އަދަދެއް، ސާފުވެގެން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އަލުން ރަޖިސްޓްރީކޮށްދިނުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.
އެކަމާގުޅިގެން ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ބިދޭސީން ރެޖިސްޓްރީ ކުރުމާބެހޭ ބަޔަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ބިދޭސީން ޖަމާވަމުން ދެއެވެ.