ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އޮތީ ކުށުގެ ތުހުމަތުކުރެވޭ މީހުން ފިލަން ފުރުސަތު ދިނުން: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް، ފިލަން ފުރުސަތު ދިނުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގާނޫނާ ހިލާފަށް މަސައްކަތް ކުރާ މީހުން، ގާނޫނުގެ ތެރެއަށް ވައްދަން އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނިކޮށެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ފިލަން ފުރުސަތު ދިނުމާއި ދެން ތިބި މީހުންނަކީ ފައިސާ ހޯދަން ހުޅުވާލާ ދޮރަކަށް ހެދުންތޯ ސުވާލު އުފައްދަވައިފައި ވެއެވެ.

'' އެޖެންސީތައް އުފަލުން ފޮޅިފައި. ކިތައް ބިދޭސީން މަދުވާނެބާ؟ އެންމެން ލީގަލައިޒް ކުރާނީބާ؟'' ޑރ. ޖަމީލުގެ ޓުވީޓުގައި ވެއެވެ.

މި ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެފައި ވަނީ، އެ މަސައްކަތުން ނަތީޖާ ފެންނާނެ ކަމަށާއި ނަތީޖާ ނުފެންނަ ނަމަ މަގާމުގައި ދެމި ނުހުންނަވާނެ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.