ޚަބަރު

ވަޒީފާއިން ވަކިކުރަން ބިރެއް ނުދައްކަން، ހާޒިރީއަށް ފަރުވާކުޑަ މުވައްޒިފުންނާ މެދު ގަވާއިދުން އަމަލު ކުރެވޭނެ

އިބްރާހިމް ޒަކީ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، ކަނޑާލާނެކަމުގެ ބިރު އެއްވެސް މުވައްޒަފަކަށް ދައްކާފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކުއްލިގޮތަކަށް ވަޒީފާއިން ވަކި ކުރަން ނިންމާފައިވާކަމަށްބުނެ، އެކަން ހުއްޓުވުމަށް، އެތަނުގެ ބައެއް މުވައްޒިފުން އޮއިކޮށް، ރައީސުލް ޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

އެކަން މީޑިއާތަކާ ހިއްސާ ކުރަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓްރާންސް ޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލުމަށް، އެއްވެސް މުވައްޒިފަކަށް ބިރު ދައްކާފައި ނުވާނެ ކަމަށެވެ. ނަމަވެސް ހާޒިރީން ފަރުވާ ކުޑަ ކަމަށް ފާހަގަ ކުރެވޭ މުވައްޒިފުންނާ މެދު ސިވިލްސާވިސްގެ ގާނޫނާއި، ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްބެސް ބުނެފައިވެއެވެ.

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު އެއްވެސް މުވައްޒިފަކަށް ދައްކާފައެއް ނުވާނެ، ނަމަވެސް ހާޒިރީއިިން ފަރުވާކުޑަ ކަމަށް ފާހަގަ ކުރެވޭ މުވައްޒިފުންނާ މެދު އަމަލު ކުރެވޭނެ، ސިވިލްސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމުގައި ދަންނަވަން،" ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ، އެ މުވައްޒިފުން، ވަޒީފާ އިން ވަކިކުރަން އުޅޭ ކަން އެނގުނީ މިއަހަރުގެ ޖުލައި މަހުގައި ކަމަށެވެ.

ކުއްލިއަޔަށް ވަޒީފާއިން ވަކިކުރަން ނިންމުމާ ގުޅިގެން ކަނބޮޑުވެ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާ، މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށް ކަންބޮޑުވުން ފާޅު ކުރުމުން އެއީ ރަނގަޅު ވާހަކައެއް ކަމަށާއި ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒިފުންގެ ލިސްޓެއް ނަގައި، އެލިސްޓް ސިވިލްސާވިސްކޮމިޝަންގެ ލަފައަށް ފޮނުވާފައިވާ ކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، އެ މުވައްޒިފުން ވަޒީފާއިން ވަކިކުރުމަށް ނަގާފައިވާކަމަށް ބެލެވޭ ނުކުތާއަކީ، ތިންވަނަ ދަރަޖައިގެ ކުށް ކަމުގައިވާ ހާޒިރީ ރިޕޯޓާ ބެހޭ ނުކުތާއެވެ.

ނަމަވެސް އޮފީހަށް ހާޒިރު ވުމުގައި ގަޑި ޖެހޭކަމަށް ބަޔާންކޮށް މީގެ ކުރިން، ދުވަހަކުވެސް އަނގަބަހުން ނުވަތަ ލިއުމަކުން ނަސޭހަތެއްދީ އިންޒާރެއް ދީފައި ނުވާކަމަށްވެސް މުވައްޒިފުން ބުނެފައިވއެވެ.

"ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގައި މިކަމަށް ވަކި އަދަބުތަކެއް ކަނޑައެޅިފައި ވާއިރު މިއިން އެއްވެސް އިޖުރާއަތެއް ފުރިހަމަ ކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.،" އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ގިނަ މުވައޒިފުންތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ އެތަކެއް އާއިލާތަކަށް ލިބިގެންދާ ނިކަމެތިކަމެއް ކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތައް ފުއްދެވުމަށް ކުރިއަށް ގެންދިޔަ މަސައްކަތް ތަކުގައި ބަންދު ދުވަސް ތަކުގަ އާއި ރެއާއި ދުވާލު މަސައްކަތް ކޮށްފައި ވާނެކަންވެސް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ، މި އޮތީރިޓީ ގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނާކު ސާބިތު ކަމާއެކު ތިބި މުވައްޒިފުންތަކަކަށްވާއިރު، އިސްލާހު ވުމަށް ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ، އެއްވެސް އިންސާފެއް ހުރިކަމެއްނޫން ކަމުގައެވެ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ، މަނިކުފާނުގެ ވެރިކަމެއްގައި ހައްގަކާނުލައި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރުމެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކުމަށް މި އޮތޯރިޓީގެ މުވައްޒިފުންނާއި މަނިކުފާނު ބައްދަލުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކެވެ." ޕެޓިޝަންގައި ބުނެފައިވެއެވެ.

މިކަމާގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މީޑިއާ ކޯޑިނޭޓަރު ފޯނު ނުނަންގަވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިކަމާގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ހޯދައިލުމަށް ކުރި މަސައްކަތުން ހަމައެކަނި ގުޅޭގޮތްވީ އެޗްއާރު ހަސަން ޝަރީފް އާއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހަސަން ޝަރީފް ވިދާޅުވީ، އެކަމުގެ ކަންބޮޑުވުންތަކެއް މުވައްޒިފުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމާބެހޭ އިތުރު ތަފްސީލެއް ލިބިފައިނުވާ ކަމަށާއި، އެ މައުލޫމާތުތައް އެނގިވަޑައިގަންނަވާނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާބެހޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެފަދަ ކަމަކަށް ލަފައަކަށްއެދި ޓްރާންސްޕޯޓުން ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުންދާކަމަށެވެ.