ހޭންޑް، ފުޓް އެންޑް މައުތް ބަލީގެ އެންމެ ގިނަ ކޭސް ރިޕޯޓު ކުރީ މިމަހުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހޭންޑް، ފުޓް އެންޑް މައުތް ބައްޔަކީ ކުޑަކުދިންގެ އަތާއި ފައި އަދި އަނގަޔަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން އަތާއި ފައި އަދި އަނގައިން ބިހިތަކެއް ނަގައި، ބިހި ނެގި ގުނަވަންތައް ވަރަށް ބޮޑަށް ހިރުވައި ކަހައެވެ. މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަަމަވެސް، ބަލި ޖެހުމުން، ޑޮކްޓަރުންގެ އިރުޝާދާއެކު ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރުމުން އެ ބަލިން ރަނގަޅުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މި ބަލި އާންމުކޮށް ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހޭންޑް ފުޓް އެންޑް މައުތު ބަލީގެ 537 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ މާލޭގެ 51 ކޭސް އަދި އަތޮޅުތެރެއިން 486 ކޭހެވެ. އަތޮޅު ތެރެއިން އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރީ ކ. އަތޮޅާއި ރ. އަތޮޅު އަދި ހދ. އަތޮޅުންނެވެ.
ހޭންޑް ފުޓް އެންޑް މައުތު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި ކާހިތްނުވުމާއި ކަރުތެރެ ފާރުވުމާއި އަތާއި ފައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު، ބިހިތައް ފޮޅުތަކަކަށް ބަދަލުވުމާއި ވަރު ދެރަވުން ހިމެނެއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ގިނައިން އަތްދޮވުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކުޑަކުދިން އަތްލާ ތަކެތި ސާފު ކުރުމާއި މޭޒު، ދޮރުގެ ތަޅު އަދި ގޮނޑި ފަދަ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުމަކީ ވެސް އެދެވިގެންވާ ކަމެއް ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.