ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ކަމަށެވެ. ރާއްޖޭގެ ފަރާތުން އެ އެބަސްވުމުގައި ސޮއިކުރެއްވީ ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން(އިކާއޯ)ގެ 40 ވަނަ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް މޮންޓްރިއާލްއަށް ވަޑައިގެން ހުންނެވި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ބަހްރެއިން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މރ.ކަމާލް ބިން އަހުމަދު މުހައްމަދެވެ.
މި އެއްބަސްވުމަކީ ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް މަގުފަހި ކުރުވުމަށް 1995 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެކުލަވާލައި، ރަމްޒު ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރިއިރު، ބަހްރެއިންގެ ގައުމީ އެއާލައިން ކަމަށްވާ "ގަލްފް އެއާ"އިން ބަހްރެއިންއާ ރާއްޖެއާ ދެމެދު ދަތުރު ފެށުމުގެ ހުއްދައަށް ވަނީ އެދިފައެވެ. ގަލްފް އެއާއިން މިއަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފަށަން ހަމަޖެހިފައިވާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިންއާ މާލެއާއި، މާލެއާއި ކޮލަމްބޯއާއި، މާލެއާ ބަހްރެއިންއާ ދެމެދުއެވެ. އެގޮތުން ހަފްތާއަކު ހަ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާ ބަހްރެއިންއާއެކު މިއަދު ސޮއިކުރި އެއްބަސްވުމާއެކު މިހާތަނަށް ރާއްޖެއާ ބޭރުގެ 47 ގައުމަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމް ކުރެވިފައިވާ ކަަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. އަދި އެ އެއްބަސްވުންތަކުގެ ދަށުން 21 ގައުމެއްގެ 29 އެއާލައިނެއް އަންނަނީ ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ.