ޚަބަރު

މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތް: ޝާހިދު

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ގައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، މޫސުމާއި ސަލާމަތާއި ގުޅޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްކަމަށްވާ ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީން އިންތިޒާމްކޮށްގެން އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރު ޝާހިދު ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެމަސައްކަތަށް ތައުރީފްކުރައްވާފައެވެ.

އަދި ޕެރިސް މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަގީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖެއިން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ގައުމުތަކާއި ހިއްސާކުރެއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފައެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެޖަމާއަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އަދި އެދާއިރާއިން އދ.ގެ ބައިވެރިވުން އިތުރުކުރުމަށެވެ. މި ގްރޫޕްގައި 27 މެންބަރު ގައުމު ހިމެނެއެވެ.