ޚަބަރު

ޓީޗަރުންނާއި ބެލެނިވެރިން ސަމާލުވޭ، ކުޑަކުދިން މެދުވެރިކޮށްގެން މަސްތުވާތަކެތި އެބަ ޑީލްކުރޭ: އިމްރާނު

ޝަހީދާ އަބްދުﷲ ސައީދު

2

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ކުޑަކުދިން މެދުވެރިކޮށް އެތަކެތި ޑީލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ބެލެނިވެރިންނާއި ޓީޗަރުން ސަމާލުވުމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ސަން އިން ގެނެސްދޭ ''50 މިނެޓް'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާނު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ޑީލްކުރާ މީހުން ބޭނުންކުރަނީ އުމުރުން ވަރަށް ހަގު ކުދިން ކަމަށާއި އެކުދިން މެދުވެރިކޮށްގެން ޑީލް ކޮށްފައި އެބަހުރި ކަމަށެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ އުމުރު ހަގު ވަމުންދާތީ ޓީޗަރުންނާއި ބެލެނިވެރިން އެކަމަށް ސަމާލުކަން ދިނުމަށް އިމްރާނު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދުނިޔޭގެ ނިސްބަތުންވެސް ރާއްޖެއަކީ މަސްތުވާތަކެތި ބޭނުންކުރާ ނިސްބަތް ގިނަ ގައުމެއް ކަމަށާއި މިއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

''ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް އެބަލިބޭ ހިމާޔަތްތަކެއް. ކުޑަކުދިން ކުރާ ބައެއް ކުށްތަކަށް އަދަބު ނުދެވޭތީ ބައެއް ނެޓްވޯކްތަކުން އެބަ ބޭނުންކުރޭ ކުޑަ ކުދިން. މި ކުދިން ބޭނުންކޮށްގެން މަސްތުވާތަކެތި ޑީލްކުރުމަށް. އެހެންވީމަ ނެޓްވޯކްތަކުގެ ވަރަށް ބޮޑު އަމާޒަކަށް އެބަހުރިވެފައި ކުޑަކުދިން، އެކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ޑީލްތައް ހިންގުމުގެ މަސައްކަތްތަކެއްކޮށްފައި އެބަހުރި. އޭގެ ތެރެއިންލާފައި ގޮސް ކުޑަކުދިން މަސްތުވާތަކެތީގެ ތެރެއަށް ވަދެގެން އެބަދޭ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް.'' މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ ކުޑަކުދިންނަށް ގާނޫނީ ގޮތުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުން ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އޭގެ ސަބަބުން މުޖުތަމައަށް ވަރަށް ނުރައްކާތެރި ކަންކަން ކުރިމަތިވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުޑަކުދިން ކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އުމުރު 15 އަހަރަށް ދަށްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟