ޚަބަރު

އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނަ ކަމެއް ބެލުމަކީ ބާރު އަޅާ ކަމެއް: ފިނޭންސް މިނިސްޓްރީ

ފަތޯނާ ފާއިޒު

އެއްވެސް ފަރާތެއްގެ ހައްގަކަށް އުނި ކަމެއް އަތުވެދާނެ ކަމަށް ބެލެވިއްޖެނަމަ، އެފަދަ މައްސަލައެއް ބެލުމަކީ ފިނޭންސް މިނިސްޓްރީން ބާރު އަޅާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން 15 އެމްބިއުލާންސް ހޯދައިދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވައިލުމުން، އޭޑީކޭ ޖެނެރަލް ޓްރޭޑިންއަށްވުރެ ބޮޑު އަގެއް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް މިދިޔަ މަހުތެރޭގައި އެ ޕްރޮޖެކްޓު ދިން މައްސަލައިގައި އޭޑީކޭއިން ފިނޭންސަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއާ ގުޅިގެން "ވަން"އާ ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މުހައްމަދު ޝަނޫނު ވިދާޅުވީ އެ ފަދަ މައްސަލަތައް ހުށަހެޅުމަށް މިނިސްޓްރީން ތާއީދު ކުރާ ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބެން، މިނިސްޓްރީން ބޭނުން ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮންނާނެ ބީލަމުގެ މައްސަލަތައް ބަލާ ކޮމެޓީއެއްވެސް. އެ ކޮމެޓީއަށް ހުށަހަޅައިގެންވެސް އެފަދަ ކަންކަން ބަލަންވީ" ޝަނޫން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 15 އެމްބިއުލާންސް ހޯދުމުގެ ޕްރޮޖެކްޓް އިންޑިއާގެ މޯހަން މުއްތާ ކިޔާ ކުންފުންޏަކަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް މިވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އޭޑީކޭއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައިވަނީ އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުއްތާއަށް ބިޑް ކާމިޔާބު ކުރެވުމަކީ، ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފައެވެ. އޭޑީކޭއިން ވަނީ އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ތިން ފަރާތާއި އެފަރާތުގެ ޑެލިވެރީ މުއްދަތުވެސް ސިޓީގައި ފާހަގަކޮށްފައެވެ.

އެގޮތުން މޯހަން މުއްތާ ކުންފުނިން ބީލަން ހުށަހެޅި އަގަކީ 8،767،500.00 ރުފިޔާއެވެ. އެއީ އަށް މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާއެވެ. އޭޑީކޭއިން ހުށަހެޅީ 7،987،320.00 ރުފިޔާއަށް އެމްބިއުލާންސްތައް ގެނެސްދިނުމަށެވެ. އެއީ ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހަތްހާސް ތިންސަތޭކަ ވިހި ރުފިޔާއެވެ. އޭޑީކޭއިން ބުނީ، މޯހަން މުއްތާ ކުންފުނިން ހުށަހެޅި އަގަކީ، އޭޑީކޭއަށް ވުރެ ހަތްލައްކަ އަށްޑިހަހާސް އެއްސަތޭކަ އަށްޑިހަ ރުފިޔާ ބޮޑު އަަދަދެއް ކަމަށެވެ.

"ދިވެހި ކުންފުންޏެއް އެންމެ ދަށް އަގު ހުށަހެޅުމުންވެސް ބޭރު ކުންފުނިތަކަށް ބީލަންތައް ލިބޭ ކަަމަށް ކަމަށްވާނަމަ، މުސްތަގުބަލުގައި މި ރާއްޖޭގެ އިގުތިސާދަށް ގެއްލުންވުމީ ހަގީގަތަކެވެެ." އޭޑީކޭގެ ސިޓީގައިވެއެވެ.

އޭޑީކޭއިން ވަނީ އެކުންފުނީގެ ބީލަމުގައި ދިމާވެފައިވާ މައްސަލަތައް ބަލާ ކޮމެޓީން ބަލައިދިނުމަށް އެދިފައެވެ. އަދި އެކަން ބަލައި ނިމެންދެން، އެމްބިއުލާންސް ހޯދުމުގެ ޕްރޮޖެކްޓް މޯހަން މުއްތާ ކުންފުންޏާ ހަވާލުކޮށްފައި އޮތަސް، އޭގެ މަސައްކަތް ހުއްޓައިދިނުމަށްވެސް އޭޑީކޭއިން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ. އަދި އެކަމުގައި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށްވެސް އެކުންފުނިން އެެދެއެވެ.