އިބްރާހިމް ޒަކީ
ފަނަރަ ދުވަހުގެ ތެރޭގައި ބިން ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ނިއުޕޯޓުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ހައުސިންގ މިނިސްޓްރީ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްގީ ކުރުމާބެހޭގޮތުން 22 ޑިސެމްބަރު 2016 ގައި ވެފައިވާ އެއްބަސްވުން މިއަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ބާތިލް ކޮށްފައިވަނީ، އެ އެއްބަސް ވުމުގެ 10.2 މާއްދާގައިވާ ގޮތުގެ މަތިން އެއްބަސް ވުމުގެ ދަށުން ދައްކަންޖެހޭ، ޖޫރިމަނާ ފައިސާ ނުދައްކާއޮވެކަމަށެވެ.
އަދި އެ އެއްބަސްވުން ބާތިލްކުރި ތާރީހަށްފަހު، އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާނެ ކަމަށާއި، ނަމަވެސް އެއްބަސްވުން ބާތިލްކުރި ތާރީހަށްފަހު ވެސް އެ ބިން ސްޓްރާޑާއިން ބޭނުންކުރަމުން ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ ބިން ހުސްކޮށް ޕްލޭނިންގ މިނިސްޓްރީ އާ ހަވާލު ކުރެވޭ ތާރީހާ ހަމައަށް އެ ބިން ބޭނުން ކުރުމުގެ މިސްލީ ބަދަލެއްގެ ގޮތުގައި އެ އެއްބަސް ވުމުގެ ދަށުން ޕްލޭނިންގ މިނިސްޓްރީ އަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ، ސްޓްރާޑާއިން ޕްލޭނިންގ މިނިސްޓްރީ އަށް ދައްކަންޖެހޭނެ ކަމާއި، މިއަހަދުގެ ފެބްރުއަރީ 27ގެ ނިޔަލަށް އެއްބަސް ވުމުގެ ދަށުން ދައްކަންޖެހި، ނުދައްކައިވާ ފައިސާ އާއި މިސްލީ ބަދަލާއެކު ޖުމްލަ އެއްމިލިޔަން އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތްދިޔަ އެއްރުފިޔާ (1،149،271) އަކީ ޕްލޭނިންގ މިނިސްޓްރީ އަށް ސްޓްރާޑާ ޕްރައިވެޓް ލިިމިޓެޑުން ދައްކަންޖެހި ނުދައްކާވާ ފައިސާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
"އެހެންކަމުން ނިއުޕޯޓް ހުރި ބިން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލު ކުރުމަށާއި، މި މައްސަލައިގައި ސާބިތު ވެފައިވާ، އެކު ޖުމްލަ 1،149،271 ރުފިޔާ އާއި އެ ބިން ހަވާލު ކުރާ ދުވަހާ ހަމައަށް މިސްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން، 30 ދުވަހުގެ ތެރޭގައި، ދައުލަތަށް ލިބިދިނުމަށްޓަކައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަވައި ހަލާސް ކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އަންގައި ހުކުމް ކޮށްފިން،" ކަމަށް ހުކުމްގައި ވެއެވެ.
ނިއުޕޯޓް ހުރި ބިން ހުސްކުރުމަށް ފަހު އާންމުން ހިތްފަސޭހަކޮށްލުމަށް ފެހި ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު، ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެކަމަށްޓަކައި އެ ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ސްޓްރާޑާ އަށް ނޯޓިސް ދިނީ މިއަހަރުގެ މާޗް މަހު އެވެ.