މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުން އަންނަ ގެއްލުންތަކާ ގުޅިގެން، އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިމަހުގެ 20 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގްލޯބަލް ސްޓްރައިކްގައި ރާއްޖެއިންވެސް މިއަދު ބޮޑު ހަރަކާތެއް ކުރިއަށް އެބަގެންދެއެވެ.
ރާއްޖޭގެ ތިމާވެށީގެ އެކްޓިވިސްޓުން އަންނަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަަރަށް ފޯރީގައި "ކްލައިމެޓް ސްޓްރައިކް" ކުރިއަށް ގެންދަމުންނެވެ. މި ސްޓްރައިކްގެ ތެރެއިން އެންމެ ބޮޑު ހަރަކާތް ފެށީ މިއަދު ހެނދުނު 7:45ގައި ވެލާނާގެ ކުރިމަތީގައެވެ. އެއްވުން ކުރިއަށް ގެންދާނީ މެންދުރުފަހާ ޖެހެންދެނެވެ.
މި ހަރަކާތުގައި އެކި އުމުރުފުރާގެ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންނާއި، ތިމާވެއްޓަށް ލޯބި ކުރާ ގިނަ އަދަދެއްގެ ކުޑަ ކުދިންވެސް ހިމެނެއެވެ. ސްޓްރައިކްގެ ބައިވެރިން ވަނީ ދުނިޔެ ހިމާޔަތް ކުރުމަށާއި، ތިމާވެއްޓަށް ގެއްލުންދޭ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ޕޯސްޓަރުތަކާއި ބެނާތައް ބޭނުންކޮށްފައެވެ.
މިހަރަކާތުގެ ބައިވެރިއެއް، އަދި ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ޝާދިޔާ އަލީ "ވަން"އަށް މައުލޫމާތު ދެމުން ބުނީ މި ހަރަކާތުގެ މަގްސަދަކީ މިހާރު ހިނގަމުން އަންނަ ގޮތަށް އިންސާނުންގެ އަމަލުތައް ކުރިއަށް ގެންގޮސް، ތިމާވެއްޓަށް އެދެވޭ ބަދަލެއް ގެނައުމަށް އަވަސް ފިޔަވަޅު ތަކެއް ނާޅާނަމަ، އަންނަން އޮތް ޖީލުތަކަށް އުޅެވޭނެ ފަދަ ދުނިޔެއެއް، ނުވަތަ ރަށްތަކެއް އެ ޖީލުތަކަށް ފޯރުކޮށްދެވޭނެ ކަމާމެދު ސުވާލު އުފެދޭ ތީއެވެ.
"އަޅުގަނޑުމެން ސަރުކާރަށް މި ގޮވާލަނީ މުސްތަގްބަލަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން. ތިމާވެށި ހަލާކު ކުރާ ކަންކަން ހުއްޓުވަން. ފަޅުތައް ހިއްކައިގެން ރިސޯޓްތައް ހެދުން ހުއްޓާލަން. ރަށްތަކުން ރުއްގަސް ކަނޑައިގެން ރިސޯޓްތަކަށް ގެންދިއުން ހުއްޓާލަން. ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން" އޭނާ ބުންޏެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ކްލައިމޭޓް ސްޓްރައިކް މިއަދު ކުރިއަށް ގެންދެއެވެ. އެގޮތުން ލ އަތޮޅާއި، ހދ.ކުޅުދުއްފުއްޓާއި، އައްޑޫ އަދި ފުވައްމުލަކު ސިޓީގައިވެސް މި ހަރަކާތް ކުރިއަށް ގެންދެއެވެ.