ޚަބަރު

ޓްރާސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ކަނޑައިލުމަށް ހުށަހެޅި މައްސަލައެއް އެބަ ބަލަން: ސީއެސްސީ

އިބްރާހިމް ޒަކީ

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަކިކުރުމުގެ ލަފައަކަށްއެދި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައެއް، ބަލަމުން ގެންދާކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ސިވިލްސާވިސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލް އަބުދުﷲ ސައީދު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަކި ކުރުމުގެ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ މުވައްޒިފުން ވަކި ކުރަން އެދި ހުށަހެޅި ލަފާގައިވަނީ ކިތައް މުވައްޒިފުންކަމެއް ސައީދު ވިދާޅެއް ނުވެއެވެ.

ސައީދު ވިދާޅުވީ އެ މައްސަލަ ސިވިލްސާވިސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެހެންކަމުން މައްސަލަ ކޮމިޝަނުން ބެލުމަށްފަހު އެކަމަށް ޖަވާބެއްދިނުން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ކޮން ކަންތައް ތަކެއްކަން ހާމަ ކުރެއްވުމަށްވެސް، ބަލަމުންދާ މައްސަލައަކަށް ވާތީ ސައީދު އުޒުރުވެރިވެ ވަޑައިގެންނެވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަކިކުރުމުގެ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލައެެއް ބަލަމުންދާ ކަމަށް ސީއެސްސީން ބުނެފައި މިވަނީ، އެ އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަކިކުރަން ނިންމާފައިވާ ކަން ހާމަކޮށް އެ ކަންބޮޑުވުންތަކާއެކު އެކަން ހުއްޓުވައި ދެއްވުމަށްއެދި އެ ތަނުގެ މުވައްޒިފުން ތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

ފަންސާހަކަށް މުވައްޒިފުން ހުށަހެޅި އެ ޕެޓިޝަންގައި ކުއްލި ގޮތަކަށް އެ މުވައްޒިފުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ވަނީ ފާހަގަކޮށްފައެވެ.

އަދިއެ ކަމުގައި އާއިލާތަކެއް ނިކަމެތިވެގެންދާނެކަން ފާހަގަކޮށް އެކަން ހުއްޓުވައި ދިނުމަށާއި އެ ކަމުގައި އެ މުވައްޒިފުންނާއި ބައްދަލު ކޮށްދެއްވުމަށް އެ ޕެޓިޝަންގައި ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން މުވައްޒިފުން އެދިފައިވެއެވެ.