ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިއްޔެ އެމަނިކުފާނު ޖަރުމަންވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސްއާއި، ފިޖީގެ ހާރިޖީ އަދި ދިފާއީ ވަޒީރު އިނިއާ ސެރުއިރަތޫއާއި، އަޔަލެންޑްގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ސިއަރަން ކެނަންއާއި، މޯލްޓާގެ ހާރިޖީ ވަޒީރު ކާމެލޯ އަބޭލާ އާއި، ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީއާއި، ނޯވޭގެ ހާރިޖީ ވަޒީރު ޑަގް އިންގެ އުލްސްޓައިންއާއިވެސް ބައްދަލުކުރައްވާފައެވެ. ހަމައެއާއިއެކު ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީއާއި އެޤައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލްއަމީން ސުއެފްއާއިވެސް މިނިސްޓަރު ބައްދަލުކުރެއްވިއެވެ.
އަދި ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގްއާއި އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެގައުމުގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި މިނިސްޓަރު ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.