ޚަބަރު

އެސް ޑީ ޖީ ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ އެއްވަނައަށް އާއިޝަތު ސަބާ

މުހައްމަދު އައުޒަމް

1

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އިން 2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރު ހުށަހަޅާފައިވެއެވެ. މި މުބާރާތް ބާއްވާފައި ވަނީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. ކޮންމެ ކެޓަގަރީ އަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާފައިވެއެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދާއި ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އާއި ޑިރެކްޓަރު ޖެނެރަލް އައިޝަތު ސާދު އަދި ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫ.އެން.ޑީ.ޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް ޝޯކޯ ނޯޑާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ޕޯސްޓަރަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާއިޝަތު ސަބާ ހުށަހެޅި ޕޯސްޓަރެވެ. މުޅި މުބާރާތުން ދެވަނައަށް އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަހުމަދު ހުށަހެޅި ޕޯސްޓަރު ހޮވިފައިވާއިރު، މުޅި މުބަރާތުން ތިން ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް ހުށަހެޅި ޕޯސްޓަރެވެ.

"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުން، އަހަރެންގެވެސް ޒިންމާއެއް!!" މި މައުޟޫއަށް ހާއްސަ ކޮށްގެން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ މަގުސަދުތަކީ އ.ދ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމާއި، މި ލަނޑުދަނޑިތަކުގެ މުހިއްމުކަން ކުދިންނަށް އަންގައިދިނުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުދިންގެ އާންމު ދިރިއުޅުމާއި ގުޅޭ މިންވަރު ދެނެގަތުމާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ސްކޫލު ކުދިންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމާއި އަދި މި ލަނޑުދަނޑިތަކާ ގުޅޭ ޝުއޫރުތައް ފަންނުވެރި ގޮތަކަށް ފާޅުކުރުމަށް ކުދިންނަށް ފުރުސަތު ދިނުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟