ޚަބަރު

ޕާލޭއާ ގުޅިގެން މަސައްކަތް ކުރަން ސަރުކާރުން ނިންމައިފި

ފަތޯނާ ފާއިޒު

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމެވިކަން އިއުލާނުކުރައްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު މިކަމާބެހޭ ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް އެމަނިކުފާނު މިފަހަރުގެ އދ ގެ އާންމު މަޖިލީހުގައި ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. މީގެ އެއްބޭނުމަކީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ހައްލެއް ހޯދަ ޕްލާސްޓިކް ނެތް ކަނޑުތަކެއް ގާއިމްކުރުން ކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑާއި ކަނޑުގެ ދިރުންތަކަކީ ދިވެހީންގެ ސަގާފަތާއި، އާންމު ދިރިއުޅުމާއި، އަދި ދިވެހި ބަހާއިވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަމުގައި ވިދާޅުވިއެވެ. އަދި، ކަނޑުތަކަށް އުކާލެވޭ ކުނީގެ ނުރައްކާތެރިކަން މި ހުރިހާ ކަމަކާގުޅިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަމަކީ، ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއް ކަމަށެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ. އަދި، 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވެފައިވާ ވަޢުދު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

މިއީ، ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ހާއްސަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ތަކެތި ބަންދުކުރުމަށް ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދަން ވިޔަފާރިތަކަށް ގޮވާލައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުންދާނެކަން ހާމަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި މަސައްކަތުގައި އެހެން ގައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގަވެ. ނަމަވެސް، މިއީ ރާއްޖެއިން އެކަނި ކުރާ މަސައްކަތުން ހައްލު ކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާލޭ ފޮރ ދަ އޯޝަންސްއާ ބެހޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ޖަމުއިއްޔާއަކީ ކަނޑުތަކުގެ ދިރުމާއި އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމާ އޮތް ގުޅުން ދަންނަ، ކަނޑުތަކުގެ ދިރުންތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މަދު ޖަމުއިއްޔާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމުއިއްޔާއެއް ކަމަށް ވިދާޅުވިއެވެ.