އިބްރާހިމް ޒަކީ
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ފަންސާހަކަށް މުވައްޒިފުން ސޮއިކޮށްފައިވާ އެ ޕެޓިޝަންގެ ކޮޕީއެއް "ވަން އޮންލައިން" އަށް ވެސް ވަނީ ލިބިފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ، އެ މުވައްޒިފުން، ވަޒީފާ އިން ވަކިކުރަން އުޅޭ ކަން އެނގުނީ މިއަހަރުގެ ޖުލައި މަހުގައި ކަމަށެވެ.
ކުއްލިއަޔަށް ވަޒީފާއިން ވަކިކުރަން ނިންމުމާ ގުޅިގެން ކަނބޮޑުވެ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާ، މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށް ކަންބޮޑުވުން ފާޅު ކުރުމުން އެއީ ރަނގަޅު ވާހަކައެއް ކަމަށާއި ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒިފުންގެ ލިސްޓެއް ނަގައި، އެލިސްޓް ސިވިލްސާވިސްކޮމިޝަންގެ ލަފައަށް ފޮނުވާފައިވާ ކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވަނީ، އެ މުވައްޒިފުން ވަޒީފާއިން ވަކިކުރުމަށް ނަގާފައިވާކަމަށް ބެލެވޭ ނުކުތާއަކީ، ތިންވަނަ ދަރަޖައިގެ ކުށް ކަމުގައިވާ ހާޒިރީ ރިޕޯޓާ ބެހޭ ނުކުތާއެވެ.
ނަމަވެސް އޮފީހަށް ހާޒިރު ވުމުގައި ގަޑި ޖެހޭކަމަށް ބަޔާންކޮށް މީގެ ކުރިން، ދުވަހަކުވެސް އަނގަބަހުން ނުވަތަ ލިއުމަކުން ނަސޭހަތެއްދީ އިންޒާރެއް ދީފައި ނުވާކަމަށްވެސް މުވައްޒިފުން ބުނެފައިވއެވެ.
"ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގައި މިކަމަށް ވަކި އަދަބުތަކެއް ކަނޑައެޅިފައި ވާއިރު މިއިން އެއްވެސް އިޖުރާއަތެއް ފުރިހަމަ ކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.،" އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.
ގިނަ މުވައޒިފުންތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ އެތަކެއް އާއިލާތަކަށް ލިބިގެންދާ ނިކަމެތިކަމެއް ކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތައް ފުއްދެވުމަށް ކުރިއަށް ގެންދިޔަ މަސައްކަތް ތަކުގައި ބަންދު ދުވަސް ތަކުގަ އާއި ރެއާއި ދުވާލު މަސައްކަތް ކޮށްފައި ވާނެކަންވެސް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ، މި އޮތީރިޓީ ގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނާކު ސާބިތު ކަމާއެކު ތިބި މުވައްޒިފުންތަކަކަށްވާއިރު، އިސްލާހު ވުމަށް ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ، އެއްވެސް އިންސާފެއް ހުރިކަމެއްނޫން ކަމުގައެވެ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ، މަނިކުފާނުގެ ވެރިކަމެއްގައި ހައްގަކާނުލައި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރުމެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކުމަށް މި އޮތޯރިޓީގެ މުވައްޒިފުންނާއި މަނިކުފާނު ބައްދަލުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކެވެ." ޕެޓިޝަންގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މީޑިއާ ކޯޑިނޭޓަރު ފޯނު ނުނަންގަވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިކަމާގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ހޯދައިލުމަށް ކުރި މަސައްކަތުން ހަމައެކަނި ގުޅޭގޮތްވީ އެޗްއާރު ހަސަން ޝަރީފް އާއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހަސަން ޝަރީފް ވިދާޅުވީ، އެކަމުގެ ކަންބޮޑުވުންތަކެއް މުވައްޒިފުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމާބެހޭ އިތުރު ތަފްސީލެއް ލިބިފައިނުވާ ކަމަށާއި، އެ މައުލޫމާތުތައް އެނގިވަޑައިގަންނަވާނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާބެހޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެފަދަ ކަމަކަށް ލަފައަކަށްއެދި ޓްރާންސްޕޯޓުން ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުންދާކަމަށެވެ.