ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުން ކުރާއިރު، އެހެނިހެން ގަވައިދުތަކަށް ބޯލެނބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ ތިމާވެށި ހަޅުތާލުގައި ބައިވެރިވި ދިވެހި ބަޔަކު އެމްޑަބްލިޔުއެސްސީ ކައިރީގައި، އެކުންފުނިން އުފައްދާ ޕްލާސްޓިކް ފެންފުޅިތައް ބޭނުންކޮށްގެން ބޭއްވި ސްޓްރައިކަށްފަހު، އެފުޅިތައް ނުނަގާ ހުރި ފޮޓޯއެއް ޓްވިޓަރގައި ހިއްސާ ކުރަމުންނެވެ. އެ އެއްވުމުގެ ބައިވެރިން ގޮވާލީ ޕްލާސްޓިކް ފުޅީގައި ފެން އުފެއްދުން ހުއްޓާލުމަށެވެ.
ފުލުހުން ބުނީ، "ކްލައިމެޓް ޗޭންޖް" ފަދަ މައްސަލަތަކާ ގުޅޭގޮތުން ބާއްވާ ސުލްހަވެރި އެއްވުންތަކަށް، އެ މުއައްސަސާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނާ ގަވައިދުތަކަށް ނުކިޔަމަންތެރިވެ، ގަވައިދާ ހިލާފަށް ހިންގާ އަމަލުތައް އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"ގާނޫނުން ލިބިދޭ ހައްގުތަކުގެ ބޭނުން ކުރާއިރު، ރާއްޖޭގައި ހެދިފައިވާ ގަވައިދުތަކަށް ބޯލެނބުމަށް ހުރިހާ އެންމެންނަށް އިލްތިމާސް ކުރަން" ފުލުހުންގެ ޓްވީޓްގައި ބުނެފައިވެއެވެ.
އެ ޓްވީޓުގައި ވަނީ ކުނި މެނޭޖު ކުރުމާ ބެހޭ ގަވައިދުގެ ބަޔަކާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ މުހިންމު ޕޮއިންޓުތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ކުނި މެނޭޖު ކުރުމާ ބެހޭ ގަވައިދުގެ 11ގެ (ހ)ގައި ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަން ވާނީ އެކަމަށް ހާއްސަކޮށްފައިވާ އަދި ތަންފީޒީ އިދާރާއަކުން ހުއްދަ ދީފައިވާ ތަނަކަށް ކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން 11 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަނަކަށް ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ، އެއީ ކުށެއް ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.
އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި ސާފުތާހިރު ކަމާ ރައްކާތެރި ކަމާ ގުޅޭ އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަން ބަޔާންކޮށްފައިވާ ކަަމަށް ފުލުހުންގެ ޓްވީޓުގައި ވަނީ ބުނެދީފައެވެ.