އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ)ގެ ފަރާތުން ރާއްޖެއަށް ސެޓްފިކެޓެއް ލިބިއްޖެއެވެ.
ކެނެޑާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވައިގެ ސަލާމަތީ ކަންކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތް ބަލައިގަނެ، އައިސީއޭއޯއިން ދޭ އައިސީއޭއޯ ޕްރެޒިޑެންޓް ސެޓްފިކެޓާ ހަވާލުވެވަޑައިގެންފައެވެ.
"އެމްއެންޑީއެފްއާއި، ޑިފެންސް މިނިސްޓްރީއާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވައިގެ ސަލާމަތީ ކަންކަން ރަނގަޅު ކުރަން ކުރާ މަސައްކަތަށް ޝުކުރު ކުރަން" ސެޓްފިކެޓާ ހަވާލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް މި ސެޓްފިކެޓް ލިބުނީ އައިސީއޭއޯގެ 40 ވަނަ އެސެމްބްލީގައެވެ. އައިސީއޭއޯއަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމާ ބެހޭ އދގެ ސްޕެޝަލައިޒްޑް އެޖެންސީއެކެވެ. އައިސީއޭއޯއަކީ ވައިގެ ދަތުރުފަތުރުގެ ގަވައިދުތައް ހަދައި، އެ ދާއިރާ ކުރިއަރުވައި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ އެޖެންސީއެކެވެ. ރާއްޖެއަކީ އެ އެޖެންސީގެ މެމްބަރު ގައުމެކެވެ.