ޚަބަރު

ރައީސްގެ ތަގުރީރު ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ލިބުމުން މޫސަ ހުންނެވީ އުފަލުން

ފަތޯނާ ފާއިޒު

ހަތް އަހަރުގެ މެދު ކެނޑުމަކަށް ފަހު ރާއްޖޭގެ ރައީސަކު އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ މަންޒަރު ބަލައިލަން ފުރުސަތު ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު އުފާފާޅު ކުރައްވައިފި އެވެ.

މޫސަ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ މަންޒަރު ބެއްލެވުމަށް އޭނާ އެމެރިކާގެ ނިއުޔޯކް ސިޓީއަށް ވަޑައިގަތީ އަމިއްލަ ހަރަދުގައި ކަމަށެވެ.

"ނިއުޔޯކްއަށް އައިސް ތިމާވެށި މުޒާހަރާގައި ބައިވެރިވެ ޔޫއެން ބިލްޑިންއަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރިކަމަށް ޝުކުރިއްޔާ" މޫސަ ވިދާޅުވިއެވެ.

ރައީސް ސޯލިހު އދގައި ތަގުރީރު ކުރެއްވުމުން އެކަމާ އުފާ ކުރައްވައި، ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއިރު، ރާއްޖޭގެ ވެރިއަކު އެންމެ ފަހުން އދގައި ތަގުރީރު ކުރައްވައިފައިވަނީ 2012 ވަނަ އަހަރު ޑރ.މުހައްމަދު ވަހީދު ހުސެން މަނިކުގެ ވެރިކަމުގައެވެ.