އިގުތިޞާދީ ކުރިއެރުން ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާ އެ ޖަމާއަތާ ދެމެދު އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގުތިޞާދީ ކުރިއަރުވައ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ވިއުގައެކެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖެއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތް ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ އެ ޖަމާއަތުގެ ސިފަތަކާއި އަސާސްތަކަކީ ރާއްޖެއިންވެސް ގަބޫލުކުރާ ކަންތައްތަކެއް ކަމަށް ސިފަކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހާމަކުރައްވައި އިގުތިޞާދީ ކުރިއެރުން ހާސިލުކުރުމުގައި ކަނޑުތަކާ ރައްޓެހި އާދަތަކެއް، ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ހޯދައި އެގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސަރަހައްދީ ކަނޑުތަކާއި ޖަޒީރާ ކަނޑުތަކާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރުމަށް މަގުފަހިވެ، އާންމު ފަރާތްތަކާއި ސައިންސްވެރިންގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބޭނެއެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ހަ އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަހައްދުތަކަށް ހެދުމަށެވެ. މީގެ އިތުރުން އޭޝިއާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިގުތިޞާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
މި ބައްދަލުކުރުމުގައި ރައީސް ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި، ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަށާ މި މަސައްކަތަކީ ދެފަރާތަށް ވެސް ވަރަށް ފައިދާ ހުރި ގުޅުމަކަށް ވާނެ ކަމަށް އުންމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި، ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ގުޅި ލާމެހިފައިވާ ކަމެއް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގުސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.