ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދިގު ކިޔޫ ހަދަމުންދާތީ ހައްލެއް ގެނެވޭތޯ ބަލަނީ

ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދޭން ހުޅުވާލުމުން އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިމާޓްމަންޓް ދޮށުގައި ކިޔޫ ހަދަމުންދާތީ، އެކަމަށް ހައްލެއް ގެނެވޭތޯ ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅަން ނިންމި ގިނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއްނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅެއެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ކޮންމެ ދުވަހަކު ވެސް ބަންގްލަދޭޝްގެ އެތައް ސަތޭކަ ބަޔަކު ކިޔު ޖެހެއެވެ.

އެތަނުގައި ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ.

މިރޭ މާލެއަށް ކުރި ބޯ ވިއްސާރައިގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން އެތަނުގެ ކުޑަ އާއި ކޯޓު ލައިގެން ވަނީ ކިއު ހަދައިފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކިޔޫ ހެދުމުގެ މައްސަލައަށް ހައްލެއް ގެނެވޭތޯ ބައްލަވާނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރީވާން ހަ މަސް ދުވަސް ސަރުކާރުން ދީފައި އޮއްވާ، ރޭގަނޑު ދަންވަރު ކިޔޫގައި ޖެހުމަކީ ބޭނުން ކަމެއް ނޫން ކަމަށާއި އަދި މިވަގުތު 100 އާއި 150 އަށްވުރެ ގިނަ ބިދޭސީންނަށް ހިދުމަތް ދެވެނެ ވަސީލަތްތަކެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސީން އުޅޭ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ އެއް އަހަރު ވަންދެން ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން މަނާކުރުމެވެ.