މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަަމުންދާ ވިއްސާރައިގައި މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރުމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑު ގަދަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފައިވާތީ އެ ސަރަހައްދުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި، ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކު ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށް ވެސް އިލްތިމާސްކުރެއެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ޔެލޯ އެލާޓު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދަށެވެ. އެލާޓް ނެރެފައިވަނީ މިރޭ 11:30 އިން ފެށިގެން މިރޭ މެންދަމު 3:30 އަށެވެ.
މެޓު އޮފީހުން ބުނީ އެ ސަރަހައްދުތައް ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.