އަލީ ރިފްޝާން
އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގެ ކްރިކެޓް ޓީމަށް އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެ ކަމަށާއި ކޮންމެވެސް ދުވަހަކުން ރާއްޖެއަށް އިންޑިއާ ބަލިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ވިއޮން" ޗެނެލަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި ކްރިކެޓަށް ލޯބިކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ޓްރެއިނިން ފުރުސަތުތަކާއެކު ރާއްޖޭގެ ޓީމަށް އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެ ކަމަށް އުންމީދުކުރަން. އަދި ކޮންމެވެސް ދުވަހަކުން ރާއްޖެއަށް އިންޑިއާ ކްރިކެޓް ޓީމު ބަލިކުރެވޭނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއަކީ ކްރިކެޓް ޓްރެއިނިންގެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ގައުމެއް ކަމަށާއި އިންޑިއާގެ އެހީތެރިކަމާއެކު އަފްޣާނިސްތާނަށް ދުނިޔޭގެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ގޮތް ފެނިފައިވާ ކަމަށެވެ.
"އިންޑިއާގެ ކްރިކެޓް ޓީމަކީ ދުނިޔޭގެ އެއްވަނަ. އިންޑިއާ ޓީމުގައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ. އަދި އިންޑިއާ އިން ވަރަށް ގިނަ ޓްރެއިނިން ފުރުސަތުތަކެއް ވެސް ލިބޭ. އަޅުގަނޑުމެންނަށް ފެނުނު އަފްޣާނިސްތާނު ޓީމު ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް އިންޑިއާ އިން އެހީވި ގޮތް. އެގޮތަށް އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖެއަށް ވެސް އެ ފަންތީގައި ވާދަކުރެވޭނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން، އެގައުމުން ރާއްޖޭގެ ކްރިކެޓް އެހެން ހަރުފަތަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެގޮތުން އިންޑިއާ އިން ރާއްޖޭގައި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ގާއިމުކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.