ޝަހީދާ އަބްދުﷲ ސައީދު
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރޭގައި ބޭނުންކުރުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު މަލީހު މިފަދައިން އިލްތިމާސްކުރެއްވީ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ދިވެހި ބަހުން ފޭސްބުކްގައި ލިޔަމުންދިޔަ ފޭސްބުކް ޕޭޖް، ''ޖުހާ'' ބްލޮކް ކުރުމުން ކުރެއްވި ޓުވީޓެއްގައެވެ.
''އަޅުގަނޑުމެންގެ އިލްތިމާސަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރޭގައި ބޭނުން ކުރުން'' މިނިސްޓަރު މަލީހް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
"ޖުހާ"ގެ ނަމުގައި ހިންގަމުންދިޔަ އެ ޕޭޖުގައި މާތް ﷲ އާއި އެކަނލާންގެ މާތް ރަސޫލާގެ އިތުރުން އައިޝަތުގެފާން އަދި ބައެއް ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ އިތުރުން ކީރިތި ގުރުއާނަށް ނިސްބަތްކޮށް ދިވެހި ބަހުން ހުތުރު ބަހުރުވައިގެން އެއްޗިހި ލިޔެފައި ހުރެއެވެ. އަދި "ދިވެހި އެތީސްޓްސް" ނަމުގައި ހިންގަމުން ގެންދާ ފޭސްބުކް ޕޭޖެއް ވެސް ބްލޮކް ކުރުމަށް ފުލުހުން މިހާރު ވަނީ ފޭސްބުކްގައި އެދިފައެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން މީގެ ކުރިން ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރަމުންދާ ޕޭޖުތަކާއި ދީނަށް ފުރައްސާރަ ކުރަމުންދާ ޕޭޖުތައްވެސް ބްލޮކް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި އެދެ ފިކުރާމެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ މިއަހަރުގެ ޖަނަވަރީ މަހު ހާއްސަ ކޮމެޓީއެއް ވެސް އުފައްދަވާފައެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.