ޚަބަރު

"ފަސޭހަ" އާއި "އަޑަފި" އެޕުުން މަންފާ ހޯދާ މައްސަލަ ބަލަނީ

އޮންލައިން ވެބްސައިޓެއް ކަމަށްވާ "ފަސޭހަ.ކޮމް" އަދި "އަޑަފި" އެޕުން ރާއްޖޭގެ ނޫސްތަކުގެ ލިޔުންތަކާއި ހަބަރުތައް ރީ-ޕަބްލިޝްކޮށް، އެކަމުން މާލީ މަންފާ ހޯދާ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައެވެ.

"ފަސޭހަ.ކޮމް" ވެބްސައިޓް އަދި "އަޑަފި" އެޕަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫސްތަކުގައި ލިޔާ ހަބަރުތަކާއި ރިޕޯޓްތައް އެ ނޫސްތަކުގެ ހުއްދައެއް ނެތި ރީ-ޕަބްލިޝް ކުރާ އޮންލައިން ޕްލެޓްފޯމްތަކެކެވެ.

އަދި މި ޕްލެޓްފޯމުން ކޮންޓެންޓުގެ ތެރޭގައި އެކި ވިޔަފާރި ކުންފުނިތަކުގެ އިޝްރިހާރުތައް ޖަހައިގެން ގެންދަނީ މަންފާ ހޯދަމުންނެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީން އެކި ދުވަސްތަކަށް ބަހާލައިގެން ކައުންސިލް މެމްބަރުން ހިމެނޭގޮތަށް މީޑިއާތަކާ ބައްދަލުކުރުމަށާއި މީޑިއާ ދަފްތަރު އަޕްޑޭޓް ކުރުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އެމްއެމްސީން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އާ އުސޫލުގެ ފައިނަލް ޑްރާފްޓް ނިންމައި މީޑިއާތަކާ ހިއްސާކުރުމަށް ވެސް އެމްއެމްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.