ޚަބަރު

"ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން"ގެ މަގާމު އެންމެ ފުރަތަމަ ލިބުނު ގައުމަކަށް ރާއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ދުނިޔޭގައި އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން"ގެ މަގާމު ލިބުނު ގައުމަކީ ދިވެހިރާއްޖެ ކަމުގައި އިއުލާންކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވި، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން"ގެ މަގާމާމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިގުތިސޯދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.

މީގެ އިތުރުން މި ދަންފަޅީގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ރައީސްއާ ކުރިމަތިކުރުވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާފައިވާ ކަމަށެވެ.

އެގޮތުން އަމާޒުކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާ ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތައުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އާ ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ތައުރީފު ކުރެއްވިއެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ގައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމުމަކީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމު ކަމަށެވެ.

އަދި މިއީ ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ވަރަށް މުހިއްމު އަސާސެއްކަން ފާހަގަކުރައްވާ މި މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.