ޝަހީދާ އަބްދުﷲ ސައީދު
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގަވައިފިއެވެ.
މިނިސްޓަރު އިމްރާނު އެގޮތަށް މިއަދު އެންގެވީ، ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް މިއަދު މާލޭ ޖަލަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ.
އެގޮތުން ޖަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު އިމްރާން ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވައި، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅު ކުރެއްވުމަށް އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން ޖަލުތަކުގައި ތިބި ގައިދީންނާ ވާހަކަދައްކާ އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިމްރާން ދެއްވިއެވެ.
މިނިސްޓަރު ޖަލަށް ކުރެއްވި ޒިޔާރަތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.