ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓު ކުރާނެ ޗައިނާގެ އިންވެސްޓަރުން ސަރުކާރުން ހޯދަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ މަޝްހޫރު ޗައިނާ ޒިންހުއާ ނިއުސް ނެޓްވޯކް ކޯޕަރޭޝަން (ސީއެންސީ)އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ ޗައިނާގެ ފަތުރުވެރިން ކަމަށެވެ.
އަދި އެ އަދަދު އިތުރު ކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެކަމަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ދެގައުމުގެ މީހުންގެ މެދުގައި ވެސް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ދާދިފަހުން ޗައިނާއަށް ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާގެ ގިނަ ސިޓީތަކުން ރާއްޖެއަށް ދަތުރުތައް ފަށާތަން ދެކެން ބޭނުންވާ ކަމަށެވެ.
އަދި ޗައިނާގެ ސިޓީތަކުން ޑައިރެކްޓް ފްލައިޓްތައް ވެސް ރާއްޖެ އަަންނަ މިންވަރު އިތުރު ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާގެ އިންވެސްޓަރުން އިންވެސްޓް ކުރަން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ޗައިނާގެ ފަތުރުވެރިންނަށް ލިބުމުން، އެފަރާތްތަކުން ހޯދާ "ޕްރޮޑަކްޓް" ރާއްޖެއިން ލިބޭނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު މިމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވަވައި، ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން ކުޅިވަރާއި އިގްތިސާދީ އަދި އިޖްތިމާއީ ރޮނގުން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ޗައިނާ ސަރުކާރާއެކުވަނީ ސޮއިކޮށްފައެވެ.