އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާގައި ތާށިވި ދެމައިން ސަލާމަތްކުރަން ސިފައިން 18 ފަހަރު ރަދުވާނިއާގެއަށް ވަން: ޝަމާލް

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ހުކުރު ދުވަހުގެރޭ ހ. ތިލަފުށި ގޭގައި ހުރި ގުދަަނުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ހ. ރަދުވާނިއާ ގޭގައި ތާށިވި ދެމައިން ސަލާމަތް ކުރުމަށް ސިފައިން 18 ފަހަރަށް އެގެއަށް ވަދެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި ސިފައިން ކުރި މަސައްކަތް ފާހަގަކުރައްވައި ޝަމާލް ދެއްކެވި ވާހަކައިގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައި ދިޔައިރު އެ ސަރަހައްދުގައި އޭނާ ހުންނަވަނިކޮށް، އަނބިމީހާއާއި ދަރިފުޅު އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ތާށިވެފައި ތިބި ކަމަށް މީހަކު ބުނުމާއެކު ވަގުތުން އެގެއަށް ވަނުމަށް ސިފައިން މަސައްކަތް ފެށި ކަމަށެވެ.

އެގޮތުން ހަރުގަނޑު ކައިރި ކުރެވެންވެސް ވަގުތު ނަގާތީ ސިފައިންގެ ފަޔަރު ޓީމުން، ދެމައިން ސަލާމަތްކުރުމަށް ޖުމްލަ 18 ފަހަރަށް އެގެއަށް ވަން ކަމަށާއި އޭރު ހުރީ މުޅި އިމާރާތުގައި އެއްކޮށް ރޯވެފައި ކަމަށް ޝަމާލް ވިދާޅުވިއެވެ.

''ލެޑާ ބޭނުންކޮށްގެން ފަޔަރުން މަސައްކަތްކުރި ތިންވަނަ ބުރިއާއި ހަތަރުވަނަ ބުރީގައި ތިބި މީހުން ސަލާމަތްކުރަން. މީހަކު ބުނި ތިމަންނަގެ އަންހެނުންނާއި ދަރިފުޅާ ވަނީ ހަތަރުވަނަ ފުލޯގައި ތާށިވެފައޭ. ދެން މަސައްކަތްކުރަމުން ދިޔައީ ކޮންމެ ގޮތެއް ހަދާފައި ވެސް ދެމައިން ސަލާމަތްކުރަން. އެގޮތުން ހަރުގަނޑު ކައިރި ކުރަންވެސް ވަގުތު ނަގާނެތީ ދެން ފެނުނީ ފަޔަރުން އެގެއަށް ވަދެގެން ދިޔަތަން. ގާތްގަނޑަކަށް 18 ވަރަކަށް ފަހަރު އެގެއަށް ވަން. ހަމަ އަލިފާންގަނޑު ތެރެއިން ކަހަލަ ގޮތަކަށް ވަދެގެން ދިޔައީ. އެންމެ ފުރަތަމަ ވަދެގެން ދިޔަ ޓީމުން މީހަކު އުރާލައިގެން ނުކުތް އިރު ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްގެން ސިފައިންގެ މިހާވެސް ހުރީ އެކީގައި އެގްޒޯސްޓް ވެފައި. މީހާ ހަވާލުކުރުމާއެކު ސިފައިންގެ މީހާވެސް އެތަނަށް ވެއްޓުނު،'' ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެވަގުތު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ވަރަށް ބޯކޮށް އަލިފާންގަނޑު ފެތުރިފައި އޮތް ކަމަށާއި އެތަނުންވެސް މީހުން ނެރުނީ ސިފައިން ވަދެ އެމީހުން މާސްކު އަޅުވައިގެން އުރާލައިގެން ކަމަށެވެ.

ޝަމާލް ވިދާޅުވީ ރޯވެ ބާރަށް އަނދަމުންދާ އިމާރާތެއްގެ ތެރެއިން މީހުން ސަލާމަތްކުރުމަށް ސިފައިން އިމާރާތަށް ވަދެގެން ކުރި މަސައްކަތަކީ އަމިއްލަ ފުރާނައަށްވެސް ބެލުމެއްނެތި ކުރި ވަރަށް ބޮޑު އަދި އެހާމެ ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެކަމަށްޓަކައި އޭނާ އުފާކޮށް ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ހާދިސާގައި ސިފައިންގެ ވަޒީފާއިން ރިޓަޔާކޮށްފައި ތިބި މީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާރާތުގައި ތާށިވި ދެމައިން ދިރިއުޅުނީ ހ. ރަދުވާނިއާގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. އެ ދެމައިން ސަލާމަތްކުރީ ގޭތެރޭގައި އެއްކޮށް ރޯވުމުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު ފާހާނާ ތެރޭގައި ތިއްބައެވެ. އެ ދެމައިން ސަލާމަތް ކުރެވުނީ އެ ބިރުވެރިކަމުގެ ތެރޭގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ހޭދަކުރި ފަހުންނެވެ.

އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދާހުލިވެފައިވާ ރަދުވާނިއާގޭގައި އޭރު ހަ މީހަކު ތިއްބެވެ. އިމާރާތުގެ އެކި ފުލޯތަކުން މީހުން ސަލާމަތްކުރަމުން ދިޔައިރު އެއިމާރާތުގެ ތިންވަނަ ފުލޯގައި ދިރިއުޅުނު އައިޝަތު ޝައުނާއަށްވެސް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތި، އެންމެ ފަހުން އިމާރާތުގެ ތެރޭގައި އޭނާ ތާށިވިއެވެ. އެ ހާދިސާގައި ޝައުނާ ވަނީ ނިޔާވެފައެވެ.

އެ ހާދިސާގައި ހަ އިމާރާތެއް އެއްކޮށް އަނދާ ހުލިވެފައިވާ އިރު، ހަތަރު ގުދަނެއްވެސް ވަނީ އަނދާ ހުލިވެފައެވެ. އަދި 24 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހުނެވެ.