ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މަޝްރޫއުގެ މައްސަލާގައި 30 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އެ މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތުގެ މަޝްރޫއު ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގްރޫޕާއެވެ. ސަތޭކަ ތޭވީސް މިލިއަން ޑޮލަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2016 ވަނަ އަހަރު ހަވާލުކުރި އެ މަޝްރޫއު ނިންމަން ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރަށެވެ.
އެކުންފުންޏާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ، ފިނޭންސްގެ އިމާރާތް އެޅުމަށް ކޮށްފައިވާ މަސައްކަތަށް ފައިސާ ނުލިބުމާއި ސަރުކާރު ބަދަލުވުމަށްފަހު، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އާ ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ.
އެގޮތުން އެކަމުގެ ބަދަލެއްގެ ގޮތުގައި އެކުންފުނިން އާބިޓްރޭޝަން މައްސަލައެއް ހުށަހެޅީ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ.
މެލޭޝިއާގެ ކުންފުނިން ބުނާގޮތުގައި، އެ މަޝްރޫއުގެ 20 އިންސައްތަ ނިމި، ޕައިލިން މަސައްކަތުގެ 60 އިންސައްތަ ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް އެ މަސައްކަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް އެކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.
އަދި ބުނެފައިވަނީ، އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައިފިނަމަ، އިތުރު 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ހޯދަން ދައުވާ ކުރާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި ސަފީރު، ވިސާމް އަލީ މެލޭޝިއާގެ ނޫހެއް ކަމަށްވާ "މެލޭ މެއިލް"އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އެކުންފުންޏާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ކަމެއް ހާމައެއް ކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލް ހޯދަން "ވަން" އިން ފިނޭންސް މިނިސްޓަރަށް ގުޅަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.