ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޫސުމަށް ކުރާ އަސަރު ކުޑަކުރަން މަސައްކަތް ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

މޫސުމަށް ކުރާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ "ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި، "އޯޝަން އެންޑް ކްރަޔޯސްފިއަރ އިން އަ ޗޭންޖިންގ ކްލައިމެޓް" (އެސްއާރްއޯސީސީ)ގެ ހާއްސަ ރިޕޯޓުގެ ހޯދުންތަކުގެ މައުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާ ރައީސް ހިއްސާކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާ ކަމަށެވެ.

އަދި މި މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ގޮވާލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗެހި ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިގުތިސާދުތަކެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަގުވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށާއި އަދި ކަނޑުތަކުގެ ބާކީ 70 އިންސައްތައާ މެދު 2020ގައި ކުންމިންގްގައި ބާއްވާ އ.ދ. ގެ ބަޔޯޑައިވާރސިޓީ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެރިސް އެއްބަސްވުމާ އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އިތުރު ދެ އަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔަރ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.