ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ދައުވާގެ ޝަރީއަތަށް ހެކިބަސް ދިނުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަޑައިނުގަތުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ކުރީގެ ނައިބް އަދި މިހާރު ރައީސް މައުމޫން އުފައްދަވަން މަސައްކަތްކުރާ އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަޒީމާއަށް އެނގިހުރި އެއްޗެއް، ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތުކުރެވޭ، ރައީސް ޔާމީންއާ އެއްކޮޅަށް ވިޔަސް އަދި ދެކޮޅަށް ވިޔަސް ވިދާޅުވާންޖެހޭ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި އަޒީމާ ހުށަހެޅުއްވި ނަމަވެސް، ހެކިބަސް ދެއްވަން ބޭނުންނުވާ ކަމަށް ވިދާޅުވެ އޭނާވަނީ ކްރިމިނަލް ކޯޓަށް ސިޓީއަކުން ދަންނަވައިފައެވެ.
އެ ސިޓީގައި އަޒީމާ ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި ހުންނެވުމުން ހެކިބަސް ދެއްވަން ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އަޒީމާގެ ހެކިބަސް ނުނަގަން ނިންމަވައިފައެވެ.
ޝަރީއަތުގައި ދެން ހިމެނޭ ހުރިހާ ހެކިންގެ ހެކިބަސް ނަގައި މިހާރު ވަނީ ނިމިފައެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގައި ދެން އޮތީ ހެކިތަކާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އެމައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.