ފިނޭންސް މިނިސްޓްރީން އެމްބިއުލާންސްތަކެއް ހޯދަން ބިޑަށް ހުޅުވާލުމުން، ބޮޑު އަގު ހުށަހެޅި ބޭރުގެ ކުންފުންޏަކަށް އެ ބިޑް ކާމިޔާބު ކުރެވުނު މައްސަލަ ބެލުމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން ކުންފުނިން އެދިއްޖެއެވެ.
އެ މައްސަލައިގައި އެކުންފުނިން ވަނީ ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ ފިނޭންސުން 15 އެމްބިއުލާންސް ހޯދަން ފުރަތަމަ އިއުލާން ކުރިއިރުވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށާއި އެފަހަރު އިއުލާން ބާތިލުކޮށް ދެވަނަ ފަހަރު އިއުލާން ކުރުމުންވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށެވެ.
އޭޑީކޭއިން ފޮނުވި ސިޓީގައިވަނީ އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުއްތާއަށް ބިޑް ކާމިޔާބު ކުރެވުމަކީ، ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފައެވެ. އޭޑީކޭއިން ވަނީ އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ތިން ފަރާތާއި އެފަރާތުގެ ޑެލިވެރީ މުއްދަތުވެސް ސިޓީގައި ފާހަގަކޮށްފައެވެ.
އެގޮތުން މޯހަން މުއްތާ ކުންފުނިން ބީލަން ހުށަހެޅި އަގަކީ 8،767،500.00 ރުފިޔާއެވެ. އެއީ އަށް މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާއެވެ. އޭޑީކޭއިން ހުށަހެޅީ 7،987،320.00 ރުފިޔާއަށް އެމްބިއުލާންސްތައް ގެނެސްދިނުމަށެވެ. އެއީ ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހަތްހާސް ތިންސަތޭކަ ވިހި ރުފިޔާއެވެ. އޭޑީކޭއިން ބުނީ، މޯހަން މުއްތާ ކުންފުނިން ހުށަހެޅި އަގަކީ، އޭޑީކޭއަށް ވުރެ ހަތްލައްކަ އަށްޑިހަހާސް އެއްސަތޭކަ އަށްޑިހަ ރުފިޔާ ބޮޑު އަަދަދެއް ކަމަށެވެ.
"ދިވެހި ކުންފުންޏެއް އެންމެ ދަށް އަގު ހުށަހެޅުމުންވެސް ބޭރު ކުންފުނިތަކަށް ބީލަންތައް ލިބޭ ކަަމަށް ކަމަށްވާނަމަ، މުސްތަގުބަލުގައި މި ރާއްޖޭގެ އިގުތިސާދަށް ގެއްލުންވުމީ ހަގީގަތަކެވެެ..،" އޭޑީކޭގެ ސިޓީގައިވެއެވެ.
އޭޑީކޭއިން ބުނީ މިނިސްޓްރީއަށް ހުށަހެޅި ބީލަމުގެ އިވެލުއޭޝަން އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިނިމަމް ރެކުޔަރމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ކަމަށް ބުނެފައިވާ އައިޓަމް އަކީ އޭޑީކޭއިން ބީލަން ހުށަހެޅި އިރު ހިމަނާފައިވާ އެކުންފުނީގެ ކޯޓޭޝަން ނަންބަރު އެސްޒީރޯ3226ގައި އޮކްސިޖަން އައިޓަމްގައި ހިމެނޭ އައިޓަމްއެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އިވެލުއޭޝަންގައި އޭޑީކޭއިން ހުށަހެޅި އެމްބިއުލާންސްގެ އިނަރ ޑައިމެންޝަންތައް ރަނގަޅު ކަމަށް ހެޔޮ ފާހަގަ ޖަހާފައިވީ ނަމަވެސް، އިވެލުއޭޝަން ޓޭބަލްގެ ތިރީގައި އޭޑީކޭއިން އެމްބިއުލާންސްގެ ފުޅާމިނަށް ދީފައިވަނީ 1540 އެމްއެމް ކަމަށާއި އެހެންނަމަވެސް ބޭނުންވަނީ 1600 އެމްއެމް ކަމަށް ފާހަގަކޮށްފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.
"މިކުންފުނިން(އޭޑީކޭއިން) ހުށަހެޅި ބީލަމުގައި އެމްބިއުލާންސްގެ ފުޅާމިނަށް ދީފައިވަނީ ބީލަމުގައި އެދިފައިވާ ގޮތަށް 1600 އެމްއެމް ކަމުގައި ދަންނަވަމެވެ..،" އޭޑީކޭގެ ސިޓީގައި ވެއެވެ.
އެކުންފުނިން އިތުރަށް ބުނެފައިވަނީ، އެ ބީލަން އޭޑީކޭއަށް ކާމިޔާބު ނުވާ ކަމަށް ބުނެ ނޭޝަނަލް ޓެންޑަރއިން ހުށަހަޅާފައިވަނީ ހަމަޖެހޭ ހުއްޖަތެއް ނޫން ކަމަށާއި އެ އިވެލުއޭޝަންގެ ފެންވަރަށް ބެލުމުން، އެއީ ނޭޝަނަލް ޓެންޑަރއިން ހެދި އިވެލުއޭޝަނެއް ކަމާ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.
"ވިޔަފާރި ކުންފުނިތަކުން މިފަދަ ބީލަންތަކުގައި ބައިވެރިވަނީ އެތައް ވަގުތެއް، އެތައް ހަރަދެއް ކޮށްގެންނެވެ. ނަމަވެސް ބީލަމަށް ހުޅުވާލައި، ފަހުން މުއްދަތު އިތުރުކޮށް، އަދި ފަހުން އެ ބާތިލުކޮށް، އަނެއްކާ އަލުން ބީލަމަށް ހުޅުވާލުން ފަދަ ކަންކަން ކުރުމުން، އެ ބީލަންތަކުގެ މަގްސަދާ މެދު ސުވާލު އުފެދެއެވެ..،" އޭޑީކޭގެ ސިޓީގައި ވެއެވެ.
އޭޑީކޭއިން ވަނީ އެކުންފުނީގެ ބީލަމުގައި ދިމާވެފައިވާ މައްސަލަތައް ބަލާ ކޮމެޓީން ބަލައިދިނުމަށް އެދިފައެވެ. އަދި އެކަން ބަލައި ނިމެންދެން، އެމްބިއުލާންސް ހޯދުމުގެ ޕްރޮޖެކްޓް މޯހަން މުއްތާ ކުންފުންޏާ ހަވާލުކޮށްފައި އޮތަސް، އޭގެ މަސައްކަތް ހުއްޓައިދިނުމަށްވެސް އޭޑީކޭއިން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ. އަދި އެކަމުގައި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށްވެސް އެކުންފުނިން އެެދެއެވެ.
ފަނަރަ އެމްބިއުލާންސް ހޯދަން ފިނޭންސުން ފުރަތަމަ އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އެ އިއުލާނުގައިވާ ގޮތުން، ބިޑަށް ރަޖިސްޓްރީ ކުރުން އޮތީ މިދިޔަ އޭޕްރީލް މަހުގެ 22 އިން މެއި މަހުގެ ފަސްވަނަ ދުވަހަށެވެ. އެހެންނަމަވެސް ފަހުން އެ މުއްދަތު 12 މެއިގެ ނިޔަލަށް އިތުރު ކުރުމަށްފަހު، އެ އިއުލާނު ވަނީ ބާތިލުކޮށްފައެވެ. އަދި އެފަހަރު ހުށަހެޅި ބީލަންތައް ބާތިލު ކުރުމަށްފަހު ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައި، މުއްދަތެއްގެ ގޮތުގައި ދިނީ 10 ޖުލައި 2019 އެވެ.